އިއްޔެ ނެގުނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެމެރިކާ ސަރުކާރުން ފާޑުކިޔުމުން ދިވެހި ސަރުކާރު އޮތީ ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުން މަތީގައި ކަމަށްބުނެ ރައްދު ދެއްވައިފިއެވެ.
ސަރުކާރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ނެގުނު ވޯޓަކީ އިންސާފުވެރި ދެފުށް ފެންނަ ސައްހަ ވޯޓެއް ކަމަށެވެ. އަދި ސަރުކާރުގެ މުއައްސަސާ ތަކުން ނިންމާ ނިންމުންތަކަކީ، އަބަދުވެސް ސަރުކާރުން ބަލައިގަންނާނެ ނިންމުންތައް ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅު 13 މެމްބަރެއްގެ ނަން އިއްވުމަށްފަހު، ގަދަކަމުން މަޖިލިސް ތަޅުމުން އެމެމްބަރުން ބޭރުކުރުމަށްފަހު ނެގި ވޯޓު ސަރުކާރު ހިންގާ ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަނުން ވަނީ 48 ވޯޓާއެކު ކާމިޔާބުކޮށްފައެވެ.
އިދިކޮޅު ގިނަ މެމްބަރަކު މަޖިލީހުން ނެރުމުން މަޖިލީހުގައި ބާކީ ތިބި އިދިކޮޅު ހުރިހާ މެމްބަރުން ވަނީ ވޯޓަށް އެހުމުގެ ކުރިން މަޖިލިސް ތަޅުން ދޫކޮށް ނިކުމެވަޑައިގެންފައެވެ.

ސަރުކާރުން އިއްޔެގެ ވޯޓަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ނެގުނު ވޯޓެއް ކަމަށާއި ދެފުށް ފެންނަ ވޯޓެއް ކަމަށް ބުނެފައިވިނަމަވެސް އިއްޔެ ނެގުނު އިލެކްޓްރޯނިކް ވޯޓިންގ ގައި މައްސަލައެއް ހުރި ކަމަށް ބުނެ ރޯލް ކާސްޓް ވޯޓެއް ނެގުމަށް ނެގުނު އިލެކްޓްރޯނިކް ވޯޓުގައި މަޖިލީހަށް ހާޒިރުވެފައިނުވާ މެމްބަރަކާއި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ނައިބު ރައީސް ވޯޓު ދެއްވި ކަމަށް ވަނީ ދައްކާފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ އިއްޔެ ނެގުނު ވޯޓަކީ އެއްވެސް ހާލެއްގައި ސައްހަ ވޯޓެއް ނޫން ކަމަށް ބުނެ އަލުން ވޯޓަށް އެހުމަށް މަޖިލީހަށް ވައްދާނެ ކަމަށް ބުނެފައެވެ.