އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރި މެޗުގައި ލައިނު ބަލަހައްޓަން ހުރި މެޗް އޮފިޝަލާއި ދިމާލަށް ހަޑި އަވަގުރާނަ ގޮވިކަން ސާބިތުވެ ހަތަރު މެޗަށް ފީފާއިން މެސީ ސަސްޕެންޑުކޮށްފިއެވެ.
މެޗަށްފަހު ލައިންސްމަނާއި ދިމާލަށް މެސީ ފުޓުބޯޅަ މެޗެއްގައި ކިޔުމަށް އެކަށީގެންނުވާ ފަދަ ހަޑި މުޑުދާރު ބަސްތައް ބޭނުންކޮށްފައިވާތަން ލައިވް ޓީވީގައި ވަނީ ފެނިގެންގޮސްފައެވެ.
މެޗުގައި ފެނުނު ހަމައެކަނި ގޯލު ޕެނަލްޓީއިން ޖެހި މެސީވަނީ ލައިންސްމަން ސަލާން ކުރުމަށް އަތް ދިއްކުރުމުން ސަލާން ކުރަންވެސް ދެކޮޅު ހަދާފައެވެ. ލައިންސްމަންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުނު މެސީގެ ފަރާތުން މެޗުގައި ރުޅިވެރިކަން ވަނީ ފެނިގެން ގޮސްފައެވެ.
އާޖެންޓީނާ ކުޅެން ހަމަޖެހިފައިވާ ހަތަރު މެޗަށް ޓީމުގެ ކެޕްޓަނާއި ނުލާ ކުޅެން ޖެހިފައިވާއިރު ފީފާއިން ވަނީ އާޖެންޓީނާ އަދި މެސީއަށްވެސް މިހާރު ފީފާ އިން ނެގި ފިޔަވަޅު އަންގާފައެވެ.
ސަސްޕެންޝަނުގެ އިތުރުން މެސީ ވަނީ 8،100 ޕައުންޑުން ޖޫރިމަނާ ވެސް ކޮށްފައެވެ.