އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީނު ކުޅުނު މެޗު 3-0 އިން ފަލަސްތީނު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގައި ފެނިގެންދިޔަ ތިން ގޯލުވެސް ފެނިގެން ގޮސްފައިވަނީ ފަހު ހާފުގައެވެ. ފުރަތަމަ ހާފުގައި ދެޓީމަށްވެސް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ގޯލަށް ނުރައްކާކުރާނެ މާބޮޑު ހަމަލާއެއްވެސް އުފެއްދިފައިވާތަނެއް ނުފެނެއެވެ.
ނަމަވެސް ދެވަނަ ހާފު ފެށިތަނާ މާގިނައިރުތަކެއްނުވެ ފަލަސްތީނުން ވަނީ ރާއްޖެ ކޮޅަށް ގޯލެއް ޖަހާފައެވެ. ކައުންޓާ އެޓޭކަކުން ކާމިޔާބުކުރި މިގޯލާއެކު ފަލަސްތީނު ޓީމަށް އިތުރު ހިތްވަރެއް ލިބުނެވެ.
ނަތީޖާއެއްގެ ގޮތުން ފަލަސްތީނަށް މެޗުގެ ލީޑު ފުޅާކުރުމަށް މާގިނަ އިރުތަކެއް ބޭނުމެއް ނުވިއެވެ. 0-2 ގައި ދިވެހި ޓީމު ފަހަތުގައި އޮވެ ލަނޑެއް ޖަހައި މެޗުގެ ތެރެއަށް ވަންނަން މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ކައުންޓާ އެޓޭކުގައި ސެންޓޭ ކުރިއަރައިދާން މަސައްކަތް ކުރި ދެފަހަރެއްގައި ފަލަސްތީނު ކުޅުންތެރިން ވަނީ އޭނާ ފައުލްކޮށް ހިފަހައްޓާފައެވެ.
ފަލަސްތީނުން މެޗުގެ ފަހު ލަނޑު ޖަހާފައިވަނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް އިތުރު ވަގުތުގައެވެ. މިގޯލާއެކު މެޗު ބަލަން ދަނޑަށް ވަދެފައި ތިބި ދިވެހި ސަޕޯޓަރުންނަށް ލިބުނީ އިތުރު މާޔޫސްކަމެކެވެ.
ރޭގައި މިގްރޫޕުގެ އަނެއް މެޗުގައި އޮމާން ވަނީ ބޫޓާން ކޮޅަށް 14 ލަނޑު ޖަހާފައެވެ. ބޫޓާންއަށް އެންމެ ގޯލެއްވެސް މިމެޗުގައި ޖެހިފައިނުވާއިރު އޮމާން ވަނީ ގްރޫޕުގެ އެއްވަނަ ގޯލުގެ ތަފާތުން ހޯދާފައެވެ.