އައްޑޫގެ މަސްވެރިންނަށް ފެން ފޯރުކޮށް ދިނުމަށް، ބަނދަރު ސަރަހައްދަށް ފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރުގެ ވެރިންގެ ގާތުގައި އެދުނު ކަމަށާއި އެހެން ނަމަވެސް އެކަންތައް އެމީހުންނަށް ފުރިހަމަ ކޮށް ނުދެވުނު ކަމަށް އައްޑޫގެ ބައެއް މަސްވެރިން ބުނެފިއެވެ.
'އައްޑޫލައިވް' އާ ވާހަކަ ދެއްކި މަރަދޫގެ މަސްވެރިޔަކު ބުނި ގޮތުގައި، މިފްކޯއިން ހުޅުދޫގައި ގާއިމްކުރާ ފެސިލިޓީގެ ބިންގާ އެޅުމަށް ސަރުކާރުގެ ވަޒީރުން ވަޑައިގެންނެވި ދުވަހު އެވާހަކަ ހިއްސާ ކުރި ކަމަށެވެ.
އެހެން ނަމަވެސް އެއީ "ހަމަ މިނިސްޓްރީއިން ކޮށްދޭން ޖެހޭ ކަމެއްތޯ" އެބޭފުޅުން ސުވާލު އުފެއްދެވި ކަމަށެވެ.
"މިނިސްޓަރަށް ދެންނެވީމާ. މަލާމާތުގެ ރާގަކަށް ދެންނެވީ ތިއީ ވެސް މިނިސްޓްރީން ކުރަންޖެހޭ ކަމެއްހޭ. މިހާރު ކައުންސިލުން މިކަން ކުރަން އެބަ ބުނޭ. ދެން މިތިބީ ވާނެ ކަމުގެ އުއްމީދުގައި، ހައުސިން އިން ވެސް ބުނި ކުރާނަމޭ އެކަމެއް ނުވި"
އައްޑޫގެ އޮޑިދޯނިފަހަރަށް މިހާރު ފެން ފޯރުކޮށްދިނުމުގެ ހިދުމަތް އަމިއްލަ ފަރާތަކުން ދެއެވެ. އެހެން ނަމަވެސް އެންމެ ޕިކަޕެއް ބޭނުންކޮށްގެން ދޭ ހިދުމަތް ހޯދުން ވެފައި އޮންނަނީ މަސްވެރިން ސިފަކުރީ "ތުރާލެއް"ގެ ގޮތުގައެވެ.
ހިތަދޫ އިން ވާހަކަ ދެއްކި މަސްވެރިން ބުނި ގޮތުގައި ބަނދަރު ސަރަހައްދަށް ފެން ހޮޅިއެއް އަޅައިދިނުމަށް ހައުސިން މިނިސްޓްރީގައި އެދުނު ކަމަށެވެ. އެކަމާއި ބެހޭ މަސައްކަތް ކޮންމެ ވެސް ވަރަކަށް ކުރިކަމަށާއި އެހެން ނަމަވެސް ފަހުން އެކަމުގެ ޚަބަރެއް ނުވާ ކަމަށެވެ.
" ޒިޔާދުއަށް ދަންނަވައިގެން އެކަމާ އުޅުނިން. އެކަމަކު އެބޭފުޅާއަށް ވެސް އެކަން ނުކުރެވުނީ، ބޮޑަށް ބެލެވެނީ ހުއްދަ ނުލިބުނީ ކަމަށް. ފަހުން ވެސް ގުޅީމަ ވިދާޅުވެފަ އޮތީ އެކަން ކޮށްދެވޭތޯ ބަލާނެ ކަމަށް."
މަސްވެރިން ބުނި ގޮތުގައި މަސްދޯނި ފަހަރަށް ފެން ލިބުމުގައި ހުރި ދަތިތަކުގެ ޝަކުވާ ފިޝަރީޒް މިނިސްޓްރީއަށް އެތައް ފަހަރަކު ހުށަހަޅާފައިވާނެ ކަމަށެވެ.
" ލާރި ހުރިއްޔާ އަޅުގަނޑުމެންނަށް ތެލާއި އައިސް މިހާރު ދެން އެބަލިބޭ. އެކަމަކު ލާރި ދިނަސް މިއޮތް ބޮޑު އައްޑޫ އިން ފެނެއް ނުލިބޭ. ދެން ދާންޖެހެނީ ކޫއްޑޫއަށް. ދޯނި ކުދިންކޮޅު ފެންވަރާލާނެ ފެނުގެ ވާހަކަ މިދައްކަނީ."
އައްޑޫގެ އޮޑިދޯނިފަހަރަށް ފެން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ވަނީ ފަށާފައެެވެ. އެގޮތުން އޮޑިދޯނިފަހަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކައުންސިލުން ވަނީ އިއުލާން ކޮށްފައެވެ.