ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ޖަލުން ދެމުން އަންނަ އިނާޔަތްތައް އެއް މަސް ދުވަހަށް ކަނޑާލައިފިއެވެ.
މަހުލޫފްގެ އިނާޔަތްތައް ކަނޑާލާފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރި ވާހަކަ ދެއްކިކަމަށް ބުނެއެވެ. ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ މަހުލޫފް އެންމެ ފަހުން އާއިލާއަށް ގުޅައި ދައްކާފައިވަނީ ގަވާއިދާއި ޚިލާފު ވާހަކަތައް ކަމަށެވެ.
ކަރެކްޝަނަލް ސާވިސްއާއި ހަވާލާދީ މަހްލޫފުގެ އަނބިކަނބަލުން، ނަޒްރާ ނަސީމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ބައިވެރިވުމަށް މަޖިލީހަށް ގެންދެވުމަށާއި މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވުމަށް ގޮވާލުމަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި ވާހަކަތައް ކަމަށް އެމީހުން ދެކިފައިވާ ކަމަށެވެ.
ޖަލުގެ އިނާޔަތްތައް ކަނޑާލުމުން މިހާރު މަހްލޫފް ބަހައްޓާފައިވަނީ ޖަލުގައި އެކަހެރިކޮށެވެ. އަދި އާއިލީ ފޯނު ކޯލުތަކާއި އާއިލާއާއި ބައްދަލުކުރުމާއި އެކަހެރި ބައްދަލުވުންތައް ފަދަ އިނާޔަތްތައް ވަނީ މަހްލޫފަށް ކަނޑާލާފައެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ބުނެ ދެ ދައުވާއެއް ކޮށް، ކުށް ސާބިތުވެ ޖަލަށް ހުކުމްކުރި މަހްލޫފް ވަނީ ދެފަހަރެއްގެ މަތިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.