Last Updated: June 11, 22:21
Thursday, June 11, 2026
ސިޔާސީ

އައްޑޫ މޭޔަރު މާލޭގެ މުޒާހަރާތަކުގައި!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކޯޓަށް ހާޒިރުވުމަށް އެންގުމުން، ކޯޓަށް ހާޒިރު ނުވެ އިންޑިއަން ހައި ކޮމިޝަންގެ "ހިމާޔަތް ހޯއްދަވައިގެން" އެތަނުގައި ދިރިއުުޅުއްވަމުން ގެންދަވާ އިރު "ރައީސް ނަޝީދުގެ ހިމާޔަތުގައި ދިވެހިން" ކަމަށް ބުނެ އެމްޑީޕީން ކުރާ މުޒާހަރާތަކުގަައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވެސް ބައިވެރިވާން ފަށްޓަވައިފި އެވެ.

އެގޮތުން ރޭ ބޭއްވި މުޒާހަރާގެ އިސް ސަފުގައި ސޯބެ ހަރަކާތްތެރިވެފައިވާކަން ފާހަގަކޮށްލެވެ އެވެ. ސޯބެ އާ އެކު މުޒާހަރާއި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މޯޑް) އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން، ސަދަން ޔުޓިިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ ކުރީގެ މެނެޖިން ޑިރެކްޓަރު ހުސައިން ޝާހިދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މޭޔަރު މާލެ ވަޑައިގެން މުޒާހަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާތީ އައްޑޫގެ ވަރަށް ގިނަ ބަޔަކު ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި މޭޔަރުގެ ވާހަކަ އެކި ގޮތްގޮތަށް ދަނި ދެކެވެމުންނެވެ.

މޭޔަރު މާލެ ވަޑައިގެން އުޅުއްވަނީ ކޮން ބޭނުމެއްގައި ކަމަށް ސާފެއް ނުވެ އެވެ. އަދި މޭޔަރު ހުންނެވީ ޗުއްޓީއެއްގައި ނޫން ކަމަށް ވެސް "އައްޑޫ ލައިވް" އަށް އެނގިފައިވެ އެވެ.