ސެމްސަންގް ގެލެކްސީ އެސް ސީރީސް އެންމެ ފަހުގެ ފޯނު، އެސް8 ރޭގައި ދައްކާލައިފިއެވެ.
ރޭގައި ދައްކާލި އެސް 8 އާއި އެސް 8 ޕްލަސްގެ ފުރިހަމަ ކަމުން ގިނަ ބަޔަކު ތިބީ ބުނާނެ އެއްޗެއް ނޭނގި އާޝޯހު ވެފައެވެ. ހޯމް ބަޓަން ފޯނުގެ ކުރިމަތިން އުނިކޮށް މި ފޯނުގައި ވަނީ "ހުސްވުމެއް ނެތް" ޑިސްޕްލޭ އެކުލަވާލާފައެވެ.
ރޭގައި ދައްކާލި ދެފޯނުވެސް ވަނީ އަރިމަތިން ކާވްކޮށްފައެވެ. އެންމެ ފަހަކަށް ނެރުނު އެސް ސީރީސްގެ އެސް7 އަށްވުރެ އެސް 8 ކުޑައެވެ. ނަމަވެސް ދެފަރާތުން ކާވްކޮށްލާފައި ހުރުމުން އަތުގައި އޮންނަ އިރު ވަރަށް ހިތްފަސޭހައެވެ.
ސެމްސަންގ އިން ވަނީ އެސް8 ގައި އެޕަލް އިން ތައާރަފްކުރި ވާޗުއަލް އެސިސްޓެންޓު "ސިރީ" އާއި ވައްތަރު ވާޗުއަލް އެސިސްޓެންޓެއް "ބިކްސްބީ" ގެ ނަމުގައި ތައާރަފްކޮށްފައެވެ.
"ބިކްސްބީ" އިން ފޯނު ބޭނުންކުރާ ފަރާތް ފޯނު ބޭނުންކުރާ ގޮތުން އޭނާގެ ގޮތް ދަނެގަނެއެވެ. އެގޮތުން އޭނާ އަށް ކަމުދާ މިއުސިކާއި އޭނާ ވާހަކަ ދައްކާ ގޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދަނެގަނެއެވެ.
ކެމެރާއަށް ބަލާއިރު ސެމްސަންގ އިން ބުނަނީ މިފަހަރުގެ ކެމެރާ އެސް 7 އަށް ވުރެ މޮޅުވާނެ ކަމަށެވެ. 12 މެގަޕިކްސަލް މިފަހަރުގެ ކެމެރާގައިވެސް ހުންނައިރު ރޭގަނޑުގެ ވަގުތުގައި ނަގާ ފޮޓޯ ތަކާއި "މޯޝަން" ފޮޓޯތައް މާރީއްޗަށް ނެގޭނެ ކަމަށް ސެމްސަންގް އިން ބުނެއެވެ.
އެސް8 އާއި އެއްކޮށް ސެމްސަންގުން ވަނީ 360 ކެމެރާއަކާއި ވީއާރް ސެޓަކާއި ރައުޓާއެއް ވެސް ތައާރަފްކޮށްފަ އެވެ.
މީގެ އިތުރުން އެސް8 ކޮމްޕިއުޓަރެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެއެވެ. ސެމްސަންގް ޑެސްކްޓޮޕް އެކްސޕީރިއަންސް (ޑެކްސް) ޑޮކްގައި ފޯނު ބޭއްވުމުން ފޯނު މޮނިޓަރާ ގުޅާލެވި ޑެކްސްޓޮޕް ޕީސީއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ.
އެ ޑޮކަށް ޔޫއެސްބީ ކީބޯޑާއި މައުސް ގުޅޭނެ އެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާޒާރަށް ނެރޭ އެސް8 ވިއްކަނީ 720 ޑޮލަރަށެވެ. އެސް8 ޕްލަސްގެ ފެށޭ އަގަކީ 840 ޑޮލަރެވެ. ގިނަ ބަޔަކު ވަނީ އެޕްރިލް 21 އަންނަންދެން ކެތް މަދުވެފައެވެ.