Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ފުލުހުންނަށް ޖަޕާނު ސަރުކާރުން 34 މިލިއަން ރުފިޔާ

މޯލްޑިވްސް ޕޮލިސް ސާވިސްއަށް ޖަޕާނު ސަރުކާރުން އެހީގެ ގޮތުގައި 34.1 މިލިއަން ދިވެހި ރުފިޔާގެ ފައިސާ ފޯރުކޮށްދީފިއެވެ.

އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖަޕާން ސަފީރު، ކަޒުމީ އެންޑޯއެވެ.

މިއީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ދިން އެހީއެއް ކަމަށް ޖަޕާނުން ބުނެފައިވެއެވެ. އެގޮތުން އެއިދާރާއަށް ބޭނުންވާ ކާރާއި ސްޕީޑު ބޯޓުފަދަ އުޅަނދުތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ބައިނަލް އަގުވާމީ ގޮތުން ދިވެހި ރާއްޖެއަށް ކުރިމަތިވެދާނެ ޓެރަރިޒަމްގެ އަމަލުތަކަށް މޯލްޑިވްސް ޕޮލިސް ސާވިސް ތައްޔާރުކޮށް ތަމްރީނުކުރުމަކީ މިއެހީގެ މައިގަނޑު މަގްސަދު ކަމަށް ޖަޕާނުން ބުނެފައިވެއެވެ.

ޖަޕާނު ސަރުކާރަކީ ޒަމާނުއްސުރެ ދިވެހި ސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ސަރުކާރެކެވެ. ތަފާތު އެކި މުނާސަބަތުތަކުގައި ޖަޕާނުން ވަނީ ދިވެހިންނަށް އެހީގެ ގޮތުގައި ފައިސާއާއި އުޅަނދުތައް ހަދިޔާކޮށްފައެވެ. މިއަހަރަކީ ސިޔާސީ ގޮތުން ޖަޕާނާއި ދިވެހި ރާއްޖެ ގުޅުނުތާ ރަންޔޫބީލް ފާހަގަ ކުރާ އަހަރެވެ.