Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

މައުމޫންގެ އޮފީހަށް ވަނުމަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް: ނަޝީދު

ޕީޕީއެމްގެ އިންތިހާބީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ހ. ތެމާގައި ހިންގަމުން ދިޔަ އޮފީހުގައި ހުރި ޕީޕީއެމް ނަންބޯޑާއި ދިދަ ނެގުމަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ޓެގް ކުރައްވައި ނަޝީދު މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގާނޫނާއި ހިލާފަށް މައުމޫންގެ އޮފީހަށް ވަނުކަމީ ޑިމޮކްރަސީއަށް ދިން ހަމަލާއެއްކަމަށާއި، މިކަން ވަގުތުން ރައީސް ހުއްޓަވާލަން ޖެހޭ ކަމަށެވެ.

ރައީސް މައުމޫން ހިންގަވަމުން ދިޔަ އޮފީހަށް ފުލުހުން ވަދެފައިވަނީ ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާއޮ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާން ކުއްޔަށް ނަންގަވާފައިވާ އިމާރާތަށް ހުއްދައަކާއި ނުލައި ވަދެ ގެއްލުން ދިން ފަރާތްތަކާއި މެދު ދައުވާ ކުރައްވާނެކަމަށެވެ.

ރައީސް މައުމޫންގެ އޮފީހުގައި ނަންގަވާފައި ހުރި ދިދަ އާއި ނަންބޯޑު ފުލުހުން ގެންދިއުމާއި ގުޅިގެން އެތައް ބަޔަކު ދަނީ ރައީސް މައުމޫން ދައްކަވަމުން ގެންދަވާ ހިތްވަރަށް ސާބަސް ދެމުންނެވެ.