Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

"ފްލައި މީ" ގެ ދަތުރުތައް ގަމުން ލަންކާ އަށް

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އަމިއްލަ އެއާލައިން ފްލައި މީގެ ދަތުރުތައް ގަމާއި ސްރީ ލަންކާ އާ ދެމެދު ފެށުމަށް މަަސައްކަތް ކުރަމުންދާ ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ލުއި ފަސޭހަ ހޯދައި ދިނުމުގެ ގޮތުން ވަރަށް އަވަހަށް ގަމާއި ލަންކާ އާ ދެމެދު ފްލައި މީގެ ދަތުރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ﷲ ގެ އިރާދަފުޅުން ވަރަށް އަވަހަށް ގަމާއި ލަންކާ އާ ދެމެދު ދަތުރުތައް ފެށޭނެ. އޭރުން ތި ބޭފުޅުންނަށް މި އަތޮޅުގައި ތިބެފައި ރާއްޖޭން ބޭރަށް ދެވޭނެ،" ގާސިމް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ސްކޫލަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ވާހަކަ ގާސިމް އާއި ހިއްސާ ކުރިއެވެ. އެގޮތުން ސްކޫލަށް ބޭނުންވާ ޕްރޮޖެކްޓަރާއި، ފާހާނާ އާއި ބޯފެން ލިބުން ދަތިކަމުގެ ޝަކުވާ ސްކޫލް ވެރިން ކުރި އެވެ. އަދި އައްޑޫގައި ހާއްސަ އެހިއަށް ބޭނުންވާ ގިނަ އަދަދެއްގެ ކުދިން ތިބެފައި އެ ކުދިންނަށް ސްކޫލަށް އައުމަށް ދަތިވެގެން އެކަމުގެ ޝަކުވާ ވެސް ހުށަހެޅި އެވެ.

ގާސިމް ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިން އުފުލުމަށް ވެހިކަލެއް ވަރަށް އަވަހަށް އެ ސްކޫލަށް ދެއްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ޖުމްހުރީ ޕާޓިގެ ރައީސް ޑރ. އިބްރާހިމްދީދީ ވިދާޅުވީ ޖުމްހުރީ ޕާޓީގެ މެނިފެސްޓޯގައި ސްކޫލްތަކާއި ރާއްޖޭގެ ތައުލީމް ކުރިއެރުވުމަށް ގިނަކަންކަމެއް ފާހަގަކޮށްފައި ވާނެ ކަމަށެވެ.

އަދި މިވަގުތު ވެސް ރާއްޖޭގެ ރައްޔިތުންނަށް އަމިއްލަ ހައިސިއްޔަތުން އެ މަސައްކަތް ކޮށްދެއްވަނީ ގާސިމް އިބްރާހިމް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަން އެއަށް ވުރެ ފުރިހަމަ އަށް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބެލެނިވެރިންނާއި ބައެއް މުދައްރިސުން ގާސިމް ވެދެއްވަމުންދާ އެހީތައް ފާހަގަކޮށް އެ މަނިކުފާނަށް ޝުކުރު ދެންނެވި އެވެ.

ފްލައިމީގެ އާ ބޯޓުގެ ފުރަތަމަ ކޮމާޝަލް ދަތުރުގައި އައްޑު އަށް ވަޑައިގެން އުޅުއްވާ ގާސިމް އިބްރާހިމް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.