Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

"މެމްބަރުން އިންތިހާބު ކުރި ރައީސަކީ އަދިވެސް މައުމޫން"

ޕީޕީއެމްގެ މެމްބަރުން އިންތިހާބް ކުރައްވާފައިވާ އެ ޕާޓީގެ ރައީސަކީ އަދިވެސް ރައީސް މައުމޫންކަމަށް އެމަނިކުފާންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ޕީޕީއެމް ވަކިކުރިކަމަށް އެޕާޓީގެ މުސްތަޝާރު ފެކްޝަނުން ނިންމައި ސިވިލް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން މައުމޫން ހިންގަވަމުން ގެންދެވި އޮފީހަށް ފުލުހުން ވަދެ އެތަނުގައި ހަރުކޮށްފައިވާ ނަން ބޯޑާއި ދިދަ ގެން ގޮސްފައިވަނިކޮށް ދުންޔާ ކުރެއްވި ޓްވީޓެއްގައި ވަނީ އަދިވެސް އެޕާޓީގެ އިންތިހާބީ ރައީސަކީ މައުމޫން ކަމަށެވެ.

މައުމޫން ޕީޕީއެމްގެ ރައީސްކަމަށް އިންތުހާބްވެވަޑައިގެންފައިވަނީ 2013 ޖެނުއަރީ 18 ވަނަ ދުވަހު ބޭއްވުނު ޕީޕީއެމްގެ ގައުމީ މަޖްލިސް ބައްދަލުވުމުގައެވެ.

ޕީޕީއެމް ދެފަޅިވެ، ޕާޓީ ހިންގުން މިވަނީ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކުރުމަށް ހުކުމްކޮށްފައެވެ. އެއާއި އެކު ރައީސް މައުމޫން ޕީޕީއެމްގެ ދިދަ އާއި ލޯގޯ އަދި ނަން ބޭނުން ކުރައްވައިގެން އެއްވެސް ހަރަކާތެއް ނުހިންގެވޭނެ ކަމަށް ކޯޓުން ހުކުމްކޮށް އެކަން ތަންފީޒު ކުރުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.