އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ އެމްޑީޕީގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓަކާއި ގުޅިގެން ކަމަށް އަނަސް ވިދާޅުވެއްޖެއެވެ.
ރޭ އިރާކޮޅު ފުލުސް އޮފީހަށް ހާޒިރުކުރުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެމުން އަނަސް ވިދާޅުވެފައިވަނީ ފުލުހުން އޭނާ ހާޒިރުކުރީ ޖޭޕީ ލީޑަރު، ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުވާ ގަޑީގައި އެސަރަހައްދަށް މީހުން އެއްވުމަށް ގޮވާލައި ކުރި ޓުވީޓާއި ގުޅިގެން ކަމަށެވެ.
ނަމަވެސް މީގެ ކުރިންވެސް ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުވާއިރު އެބޭފުޅުންނަށް ހިތްވަރު ދިނުމަށް ފުލުސް އޮފީސް ކައިރިއަށް ހާޒިރުވުމަށް ގޮވާފައިވާތީ މިފަހަރު އެހެން ޓުވީޓު ކުރުމުން އެއީ މައްސަލައަކަށް ވީ ސަބަބެއް އެނގިފައިނުވާ ކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވަނީ މީގެ ކުރިންވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އަދި އިދިކޮޅު ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ އިތުރުން ޕީޕީއެމްގެ ފާރިސް މައުމޫންވެސް ވަނީ އެކި ފަހަރު މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ އިދިކޮޅު ފަރާތްތަކުން ފުލުސް އޮފީހަށް ހާޒިރުކޮށް އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުން ކުށްވެރިކޮށްފައެވެ.