Last Updated: June 26, 17:28
Friday, June 26, 2026
ކުޅިވަރު

މަޓާގެ ސީޒަން ނިމުމަކާ ގާތަށް

މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޔުއަން މަޓާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން މި ސީޒަނުގައި ދެން ކުޅެވިދާނެ ކަމާމެދު ޑޮކްޓަރުންގެ މެދުގައި ޝައްކު އުފެދިއްޖެއެވެ.

ގްރޮއިން އިންޖަރީއަކާއި ގުޅިގެން މަޓާ ވަނީ ސާޖަރީ ހަދާފައިކަމަށް މެންޗެސްޓާ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ސާޖަރީ ހަދާފައިވާ ކަން ޔުނައިޓެޑުން ކަށަވަރުކޮށްދީފައިވާއިރު އިތުރަށް ބުނެފައިވަނީ މަޓާގެ އަނިޔާގެ އިތުރު ތަފްސީލު އަވަސް މުސްތަގުބަލެއްގައި ހާމަކުރާނެ ކަމަށެވެ.

މޮރީނިއޯގެ މިސީޒަނުގެ ޓީމުގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ މަޓާވަނީ މިސީޒަނުގައި 10 ގޯލާއި ހަ އެސިސްޓު ހަދާފައެވެ.

އަނިޔާގެ ބޮޑެތި މައްސަލަތަކެއް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ޔުނައިޓެޑަށް މަޓާ ގެއްލުމާއެކު މިޑްފީލްޑު ލައިނަށް ބޮޑު ބަދަލެއް ގެންނަން މޮރީނިއޯ އަށް ވަނީ މަޖުބޫރުވެފައެވެ.

މަޓާއާއެކު ޕޮގްބާވެސް އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާއިރު ހެރޭރާއަށްވެސް މިއަދު ވެސްޓް ބްރޮމްއާއި ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެ ކަމާއި މެދު ވަނީ ޝައްކު އުފެދިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑު މިއަދު ވެސްޓް ބްރޮމް އާއި ބައްދަލުކުރާ މެޗު ފެށޭނީ މިރޭ 19:00ގައެވެ.