އިސްލާހީ މަސައްކަތުގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އިބްރާހިމް ހަނީފު ހައްޔަރުކޮށްފިއެވެ. ހަނީފް ހައްޔަރުކުރި ސަބަބެއް ސާފެއް ނުވެއެވެ.
އިދިކޮޅު ޕާޓީ ތަކާއި އެކު އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވާ ހަނީފު ހައްޔަރު ކުރުމާއި ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ނައިބް ލީޑަރ އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ
"އިސްލާހީ މަސައްކަތުގައި އިސްކޮށް ހަކަރަކާތްތެރިވާ ހަނީފް މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށާއި ސިޔާސީ މަގްސަދަށްޓަކައި މީހުން ހައްޔަރު ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
Islaahi masaikathuga iskohulhuvva activist Haneef rey dhanvaru vani hayyarukurevifa. Siyaasi magsadahttakai meehun hayyarukurun huttala.
— Ali Zahir (alipi) (@alixahir) March 31, 2017
ހަނީފް ހައްޔަރުކޮށް ބަންދުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްދީފައިވާ އިރު އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރައީސުލް ޖުމްހުރިއްޔާގެ އަބުރު ގެއްލޭ ގޮތަށް ސޮޝަލް މީޑިއާގައި ހަބަރު ފަތުރާތީ އާއި ހަގީގަތާއި ހިލާފު ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރައި ރާއްޖެއަށް އަންނަން ތިބި އިންވެސްޓަރުންގެ އިތުބާރު ގެއްލޭގޮތަށް ލިޔަމުންދާ މައްސަލާގައެވެ.

ހަނީފްގެ ވަކީލް ވިދާޅުވީ މީގެ އިތުރުން މިހާރު ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ސްވައިން ފުލޫއާއި ގުޅޭ ގޮތުންވެސް ހަގީގަތް އޮޅޭ ގޮތަށް ހަބަރު ފަތުރާކަމަށް ތުހުމަތުކޮށްފައިވާކަމަށެވެ.
ހަނީފް ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ހަނީފް ހައްޔަރުކުރި އިރު ސޯޝަލް މީޑިއާގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޓްވީޓް ކުރަމުންދާކަމުގެ ތުހުމަތުގައި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބް ޝަހީމް ވަނީ ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.