Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ހަގީގަތް އޮޅުވާލަން ފާރިސް އުޅޭ ކަމަށް ފުލުހުން ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހަގީގަތް އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ފަސް ފަހަރު މަތިން ފާރިސް ވަނީ ފުލުސް އޮފީހަށް ހާޒިރުކުރެވިފައި ކަމަށެވެ. ނަމަވެސް ފާރިސްގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ އިކޮނޮމިކް ޔުނިޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފާރިސް ވަކީލަކު ހާޒިރުވެ ހުރެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބޭނުންވާ ކަމަށް ބުނުމުން އެފުރުސަތު ދިނުމުންވެސް ފާރިސް ވަނީ ފަސް ފަހަރު މަތިން ވަކީލަކާއި ނުލާ ފުލުހުންގެ އިދާރާއަށް ހާޒިރުވެފައި ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފާރިސް ހާޒިރުކުރަނީ ކޮން މައްސަލައެއްގައި ކަމަށް ފުލުހުން ހާމަ ކޮށްފައި ނުވެއެވެ. ނަމަވެސް އޭނާ ވަނީ ހާޒިރު ކުރަނީ ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ކަމަށް ކުރިން ބުނެފައެވެ.

އެހެން ނަމަވެސް ފުލުހުން ވަނީ ފާރިސް ހާޒިރު ކުރަނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ނޫން ކަމަށާއި ފާރިސް ގަސްތުގައި ފުލުހުންގެ ތަހުގީގު ލަސްކުރުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.