Last Updated: June 26, 14:38
Friday, June 26, 2026
ކުޅިވަރު

ފަހަތުން އަރައި ޕެލެސް ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީ ތާވަލުގެ 16 ވަނައިގައި އޮތް ކްރިސްޓަލް ޕެލެސް އަތުން 2-1 އިން ބަލިވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗަށް ޓީމާއި ސަޕޯޓަރުންވެސް ނިކުތީ ވަރަށް އުއްމީދާއެކުގައެވެ. މެޗުގެ ވަރަށް ކުރީކޮޅު ފެބްރިގާސް ޖެހި ގޯލަކާއެކު އެއުއްމީދު ވަނީ އާވެގެންގޮސްފައެވެ.

ނަމަވެސް ޕެލެސް އިން ވަނީ 9 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ޒަހާގެ މިގޯލާއެކު ޕެލެސްއަށް ވަނީ އަވަސް ގޯލަކާއެކު ހިތްވަރު ލިބިފައެވެ.

ނަތީޖާއެއްގެ ގޮތުން ދެ މިނެޓު ފަހުން ކްރިސްޓިއަން ބެންޓެކޭ ވަނީ ޕެލެސްއަށް ލީޑު ނަގާދީފައެވެ. ކައިރި ކައިރީގައި ވަން ގޯލުތަކާއެކު މެޗުގެ އޮއިވަރު ވަނީ މުޅިން ބަދަލުވެގެންގޮސްފައެވެ.

ފުރަތަމަ ހާފުގެ ކުރީ ކޮޅު ފެނުނު ތިން ގޯލުގެ ނަތީޖާއަކަށް މެޗުގެ ބާކީ 80 މިނެޓު ތެރޭގައިވެސް ވަނީ އިތުރު ބަދަލެއް ނުގެނެވިފައެވެ. ޗެލްސީ ވަނީ 11 ޝޮޓު ގޯލާ އަމާޒުކޮށްފައެވެ. އަމާޒުނުވެ ގޮސްފައިވަނީ އެންމެ 8 ޝޮޓެވެ.

ނަމަވެސް ކްރިސްޓަލް ޕެލެސް ވަނީ ފަހަތަށް ޖެހިލައިގެން ޗެލްސީއަށް އިތުރު ލަނޑެއް ޖެހުނަނުދީ ހިފަހައްޓާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ ޗެލްސީއަށް ސީޒަނުގެ އެންމެ ހީނުކުރާ ބައްޔާއެކުގައެވެ.

ޗެލްސީ ބަލިވެ، ސްޕާސް މޮޅުވުމާއެކު ސްޕާސް ވަނީ ޗެލްސީގެ ފަހަތުގައި އޮތް ލީޑު 7 ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް ތިންވަނައިގައި އޮތް ލިވަޕޫލްއާއި ޗެލްސީއާއި ދެމެދު އަދިވެސް 10 ޕޮއިންޓުގެ ފަރަގެއް ވެއެވެ. ލިވަޕޫލް ވަނީ މިރޭ އެވަޓަން 1-3 އިން ބަލިކޮށް ތިންވަނައަށް ޖެހިލާފައެވެ.