ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ ގިނިކަންޏާކަން އެމަނިކުފާނު ހަނދުމަފުޅު ބަހައްޓަވަން ޖެހޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔާ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިގޮތަށް ވިދާޅުވެފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ.ކުނޫޒްގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން(އެމްއޯޔޫ)ގެ ނައިބު ލީޑަރ ކަން ވެސް ކުރައްވާ ޝިފާ ވިދާޅުވީ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ، ބުނެ އިތުބާރު ނުކުރާކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން ނިމުނު ހަފްތާގައި ބޮޑު މަދަނީ ބަސްނޭހުމަކަށް ގޮސްފައިވާކަމަށް ޝިފާ ވިދާޅުވި އެވެ.
ޝިފާ އިޝާރަތްކުރައްވާފައިއެވަނީ، ސްކޫލުތައް ހުޅުވުމަށް ސަރުކާރުން ނިންމި ނިންމުން ގަބޫލުނުކޮށް، ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް ބެލެނިވެރިން ނިންމި ނިންމުމަށެވެ. އެގޮތުން އާދިއްތަ އަދި ހޯމަ ދުވަހު ސުކޫލުތަކަށް ގޮސްފައިވަނީ ވަރަށް މަދު އަދަދެއްގެ ކުދިންނެވެ.
އޭގެ ސަބަބުން ސަރުކާރަށް ކުރިމަތިވި ޕްރެޝަރާއި ހުރެ ސަރުކާރުން ވަނީ އަނެއްކާ ވެސް ސްކޫލްތައް ބަންދުކުރުމަށް ނިންމާފައެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅަކުންވެސް ގުޅިފައިވާ އިއްތިހާދަށް މަރުހަބާ ކިޔާ. ގުޅިފައިވާ އިއްތިހާދުގެ މަސައްކަތަށް ތާއީދުކުރޭ. 85 އިންސައްތަ އަށްވުރެ ގިނަ އަދަދުގެ ރައްޔިތުން ތިބީ އިދިކޮޅު އިއްތިހާދާއެކުގައި." ޝިފާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓު ނެގި ދުވަހުގެ މަޖިލީހުގައި ޕީޕީއެމް މެންބަރުން އަމަލުކުރި ގޮތުން ސަރުކާރު، ބަލިކަށިވެފައިވާ މިންވަރު ހާމަވެގެންދިޔަ ކަމަށެވެ.