ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަޒުލުކުރުމަށް މަސައްކަތް ކުރުން ލާޒިމްވެފައިވާ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، ޝަރުއީ ކޯޓުތަކަށް، އެއްވެސް ފަރާތަކަށް އިންޒާރެއް ނުދެވޭނެކަމަށާއި، އެކޮޅުކޮޅުން އެލުވާ މާރާލި ނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެކޮޅުކޮޅުން އެލުވިޔަސް، މަރާލިޔަސް، އުމުރު ދުވަހަށް ޖަލަށްލިޔަސް އަޅުގަނޑުމެން މި ހައްޤުތަކުގެ ވާހަކަދައްކާނަން. އިންސާނުންގެ ކަރާމާތާއި އަދުލުގެ ވާހަކަ ދައްކާނަން." -އިމްތިޔާޒް ފަހުމީ-
އިމްތިޔާޒް ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުން ނެރިފައިވާ ނޫސްބަޔާނެއް ސިފަކުރެވުނީ، ޕީޕީއެމްގެ މުސްތަޝާރުގެ ދަރުބާރު ފެކްޝަނުން ނެރުމަށް ތައްޔާރުކުރި ބަޔާނެއްގެ ގޮތުގައި ކަމަށެވެ.
އެމްޑީޕީ އިން ކުރި ޓްވީޓަކާއި ގުޅިގެން އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ފުލުހަށް ހާޒިރުކުރި މައްސަލައިގައި ވެސް އިމްތިޔާޒް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓިން ކުރި ޓުވީޓަކާއި ގުޅިގެން އެ ހާޒިރުކުރީ. މިއި ކޮން އުސޫލަކުން ވެރިކަން ކުރާ ބައެއްތޯ. ކޮން އުސޫލަކުންތޯ އެ މައްސަލަ ބަލަނީ. މިހާތަނަށް ދިވެހިރާއްޖޭގައި ޓުވީޓެއް ކުރުމަކީ ކުށެއްކަމެއް އެނގިފައެއް ނުވޭ." އިމްތިޔާޒް ވިދާޅުވިއެވެ.
އިސްލާޙީ މަސައްކަތް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ކޮންމެ ރެޔަކު އަންނަނީ މ. ކުނޫޒުގައި ޖަލްސާތައް ބާއްވަމުންނެވެ.