Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

އައިސީސީން މަރަދު އާއި ހަންކެޑެ ކޯޒްވޭ ދިމާލުން ވެލި ނަގަނީ

އައިސީން މަރަދު އާއި ހަންކެޑެ ކޯޒްވާ ދިމާލުން ވެލި ނަގަނީ. ފޮޓޯ/ އަދުޝަން

ސްރީ ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގެ ތިން ރަށެއްގެ މަގު ހެދުމަށް ބޭނުންވާ ވެލި މަރަދު އާއި ހަންކެޑެ ގުޅޭ ކޯޒްވޭ ދިމާލުމުން ނެގުމުގެ ހުއްދަ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އަށް ދީފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ މަގު ހެދުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ ދީފައި ވަނީ މަރަދު އާއި ހަންކެޑެ ގުލޭ ސަރަހައްދުގެ އިރުމަތީ ފަރާތުން ކަމަށެވެ.

"މަގު ހެދުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ ކައުންސިލުން ދީފައި ވަނީ ހަންކެޑެ އާއި މަރަދޫ ގުޅޭ ހިސާބުގެ އިރުމަތީގައި އޮތް ބޮޑު ދޮންވެލި ބެޑުން. އެ ސަރަހައްދުން ވެލި ނަގަން ހުއްދަ ދިނީ އެ ސަރަހައްދުގެ ދޮންވެލިގަނޑު ވަރަށް ބޮޑަށް ބޮޑުވެ އެ ސަރަހައްދުން ކޯޒްވޭ އިން އޮއި ދެމޭ ގޮތް ނުވެ އޮވެ އެ ސަރަހައްދުގެ ފެންގަނޑު ވަރަށް ބޮޑަށް ތަޢައްޔަރުވެ، ތަފާތު މައްސަލަތައް ކުރިމަތިވާތީ،" ޓޮމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މީގެ 10 އަހަރު ކުރިން މަރަދޫ ކޮޅުން ހަންކެޑެ އާއި ގުޅޭ ކޯޒްވޭ އާ ދިމާލުން ބޮޑު ބައެއް ފަސް އަޅައި ހިއްކާފައިވާތީ އެ ސަރަހައްދުން އޮއި ދެމޭ ގޮތް ބަންދުވެ ހަންކެޑެ ވަރަށް ބޮޑަށް ގިރަމުންދާ ކަމަށެވެ. އަދި އެސަރަހައްދު ހިއްކާފައި ވަނީ ތިމާވެށިގެ ގޮތުން ބަލަން ޖެހޭ ބެލުންތައް ބެލުމަކާ ނުލައި ކަމަށް ވެސް ތޮއްޔިބް ވިދާޅުވި އެވެ.

"އެސަރައްދަށް ވެލި އަޅާފައި އޮތީ އެއްވެސް ކަހަލަ އީއައިއޭއެއް ހެދުމަކާ ނުލައި. އެހެންވެ ހަންކެޑެ ސަރަހައްދުން ބޮޑު ބައެއް މިހާރު ވެސް ވަނީ ގިރައިގެން ގޮސްފައި." ޓޮމް ވިދޅުވި އެވެ.

ތޮއްޔިބް ވިދާޅުވީ އެ ސަރަހައްދުގައި ޖަމާވެފައިވާ ވެލިގަނޑު ނެގުމަށް 2011 ވަނަ އަހަރު ތެރޭގައި ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އާ އެކު ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

"އެސްޔޫއެލް އާ އެ ވެލިގަނޑު ނެގުމުގެ މަޝްވަރާ ކުރެވުނު. އެ ފަހަރު އެސްޔޫއެލް އިން ކީ އަގަކީ 1.3 މިލިއަން ރުފިޔާގެ އަގެއް. އެހެންވެ އެ ވަރަށް ފައިސާ ނެތިގެން އެކަން ނުކުރެވި ވަނިކޮށް މަގު ހެދުމަށް ފަސް ބޭނުންވެގެން އައިސީސީން ކައުންސިލަށް ހުށަހެޅީ. އެހެންވެ ހަރަދަކާއި ނުލައި އެ ސަރަހައްދުގައި ޖަމާވެފައިވާ ވެލި ގަނޑު ނެގި އަދި މަގުވެސް ހެދިގެން ދާނެތީ ކައުންސިލުން އެގޮތަށް ނިންމީ."

ޠޮއްޔިބް ވިދާޅުވީ އައިސީސީން ވެލިގަނޑު ނެގުމުން އެސަރަހައްދު ފުންވެ އެ ހިސާބުން އޮއިދެމޭ ގޮތްވެ އެ ސަރަހައްދު ސާފުވެގެން ދާނެ ކަމަށެވެ. އަދި މަގު ހެދުމަށް ބޭނުންވާ ވެލި ވެސް ކައިރިން ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އާންމު ރައްޔިތުންގެ ބޭނުންތަކަށް ވެލި ނުލިބިގެން އުޅޭ އިރު، ބޭރުގެ ބަޔަކަށް ވެލި ދޫކުރާތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮބޮޑުވުން ފާޅުކޮށްފަ އެެވެ. އަދި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ވެސް ހުށަހަޅާނެ ކަމަށަ ބައެއް މީހުން ބުނެފައިވެ އެވެ.