ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި، ލިއޯ މެސީއަކީ ރެފްރީންނަށް އިހުތިރާމު ކުރާ ކުޅުންތެރިޔެއް ކަމަށް އޭނާގެ ބާސެލޯނާ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ޗިލީ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ލައިންސްމަނާއި ދިމާލަށް ހަޑި މުޑުދާރު ބަސްތައް ބޭނުންކުރި ކަމަށް ސާބިތުވެ ހަތަރު މެޗަށް ސަސްޕެންޑު ކޮށްފައިވާ މެސީ ވަނީ އޭނާ އެއްޗެހި ކިޔާފައިވަނީ ޖައްވަށް ކަމަށް ބުނެފައެވެ.
މިހާދިސާއާއި ގުޅިގެން އެންރީކޭ ބުނެފައިވަނީ އެފަދަ ވާހަކައެއް އަޑުއިވުމުން އޭނާ ވަނީ ހައިރާންވެ ގަބޫލުކުރަން ދަތިވެފައި ކަމަށެވެ. މެސީއަކީ ރެފްރީންނަށް އިހުތިރާމު ކުރާ ކުޅުންތެރިޔެއް ކަމަށާއި މިސީޒަނުގައި އޭނާއަށް ދައްކާފައިވަނީ އެންމެ 7 ކާޑު ކަން އެންރީކޭ ވަނީ ފާހަގަކޮށްފައެވެ.
ގައުމީ ޓީމާއި ހަތަރު މެޗަށް ދުރުގައި ހުންނަން މަޖުބޫރު ވެފައިވާ މެސީއާއި ނުލާ އާޖެންޓީނާއަށް ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައި ވުމުގެ ފުރުސަތު ވަނީ އިތުރަށް ހަނިވެފައެވެ.