Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

މައުމޫނަށް ފިއްތަނީ ރައްޔިތުންގެ ހައްގުގައި ނިކުތީމަ: ނާދިރާ

ރައީސް މައުމޫނަށް މިސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވަނީ އެމަނިކުފާނު ރައްޔިތުންގެ ހައްގުގައި ނިކުތުމުން ކަމަށް ޕީޕީއެމް މައުމޫން ފެކްޝަނުގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވެފައިވަނީ ނަމާއި ނަން ބޯޑަކީ ރައީސް މައުމޫނަށް މުހިއްމު އެއްޗެއް ނޫން ކަމަށެވެ. އަދި ރައީސް މައުމޫން ނިކުމެވަޑައިގެންފައިވަނީ ރައްޔިތުންގެ ހައްގު ހޯދުމަށް ކަމަށާއި ފަހަތަށް ނުޖެހޭނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތަށް އެއްވެސް ލޮޅުމެއް ނުވަތަ ސިހުމެއް ނާންނާނެ."

މީގެ އިތުރުން ރައީސް ޔާމީން ފެކްޝަނުން އަމަލުތައް ބަހައްޓަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ޚިލާފަށް ކަމަށް ނާދިރާ ވިދާޅުވެފައިވެއެވެ. އަދި ރައީސް މައުމޫނަކީ އެއްވެސް އިރެއްގައި ގާނޫނާއި ޚިލާފަށް މަސައްކަތްކުރާ ބޭފުޅެއް ނޫން ކަމަށްވެސް ނާދިރާ ވަނީ އިތުރުކޮށްފައެވެ.

ރައީސް މައުމޫންގެ އޮފީސް ބަންދުކުރުމަށް ފުލުހުން ވަދެފައިވާއިރު އެކަމާ ބެހޭ އެއްވެސް ލިޔެކިޔުމެއް ހަވާލުކޮށްފައިނުވާ ކަންވެސް ނާދިރާ ވަނީ ފާހަގަކޮށްފައެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރައީސް މައުމޫން ކުއްޔަށް ހިފާފައިވާ އޮފީހަށް މިދިޔަ ބުރާސްފަތި ދުވަހު ވެދެ އެއޮފީހުގެ ނަން ބޯޑާއި ނަގާފައިވާ ދިދަ ވަނީ ގެންގޮސްފައެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ ގާނޫނާއި ޚިލާފަށް ހުއްދަ ހޯދުމެއް ނެތި އެމަނިކުފާނު ކުއްޔަށް ހިފާފައި ހުރި ތަނަކަށް ވަދެފައިވާ މައްސަލަ ހުށައަޅައި ދައުވާ ކުރާނެ ކަމަށެވެ.