ދެކުނު ކޮރެއާގެ ކާގޯ ބޯޓެއް އެޓްލާންޓިކް ކަނޑަށް ގެއްލިގެން ހޯދަން ފަށައިފިއެވެ.
އޮފިޝަލުން ހާމަކޮށްފައިވާ ގޮތުން މިބޯޓު ގެއްލިފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. ބޯޓުގެ ފަޅުވެރިޔަކު ބޯޓު ފުލުން ލޮނު ވަންނަމުންދާ ކަމަށް ބުނެ މެސެޖެއް ކުރިކަން ކޯސްޓު ގާޑުން ވަނީ ކަށަވަރުކޮށްދީފައެވެ.
ބޯޓު ގެއްލި، ހޯދުމުގެ މަސައްކަތް ފަށާފައިވަނިކޮށް އެސަރަހައްދު ހޯދަމުން ދިޔަ ބޯޓަކުން ވަނީ ލައިފް ރާފްޓުގައި ތިބި ފިލިޕިންސްގެ ދެ ފަޅުވެރިން ސަލާމަތްކޮށްފައެވެ.
ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީ އިން ވަނީ މިބޯޓު ގެއްލިފައިވާކަން ބްރެޒިލްއާއި އުރުގުއާއީ އަށް އަންގައި، އެދެގައުމުގެ ފަރާތުން ބޯޓު ހޯދުމުގައި މަދަދުވެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.
ގާތްގަނޑަކަށް 260،000 ޓަނުގެ ބޮޑު ބޯޓު އޮޕަރޭޓް ކުރަނީ ސައުތު ކޮރެއާގެ ކުންފުންޏަކުންނެވެ. ނަމަވެސް އެ ބޯޓު ދަތުރު ކުރީ މާޝަލް އައިލެންޑްސްގެ ދިދަ ނަގައިގެންނެވެ. ބޯޓުގައި ތިބީ ފިލިޕީންސްގެ 16 މީހުންނާއި ސައުތު ކޮރެއާގެ އަށް މީހުން ކަމަށްވެއެވެ.