Last Updated: June 25, 17:51
Thursday, June 25, 2026
ސިޔާސީ

ރައްޔިތުންނަށް ބިރު ދައްކާނީ ފިނޑި ވެރިން: މުސްތަފާ

މަގާމުގެ ނުފޫޒު ބޭނުންކޮށް، ރައްޔިތުންނަށް ބިރު ދައްކާ ވެރިންނަކީ އެންމެ ފިނޑި ވެރިންކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް، ބައެއް ފަރާތްތައް ފުލުހުންނަށް ހާޒިރު ކުރަމުން އަންނަ ވަގުތެއްގައި މުސްޠަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ބަލިކަށި ފިނޑި ވެރިންގެ ބިރު ބަލައިގަންނާނީ މޮޔައިން ކަމަށެވެ.

މުސްޠަފާ ވިދާޅުވީ ސަރުކާރުގެ މައިގަނޑު ބޭނުމަކީ ޕީޕީއެމްގައި މިހާރު ތިއްބެވި މަޖްލިސް މެމްބަރުންނަށް ބިރު ދެއްކުން ކަމަށާއި، ބިރުގަންނަވަނީ ޕާޓީން ދިޔަ މެމްބަރުންނަށް ނޫންކަމަށާއި މިހާރު ޕާޓީގައި ތިއްބެވި މެމްބަރުންނަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓުގެ ފަހުންނާއި ކުރިން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ފުލުސް އިދާރާއަށް ހާޒިރުކޮށްފައިވާ އިރު ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒުވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

އަދި މިއަދު ހަވީރު ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްވެސް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފައެވެ.