Last Updated: June 11, 22:21
Thursday, June 11, 2026
ސިޔާސީ

"ނަޝީދު ހައި ކޮމިޝަންގައި ހުންނަން ޖެހޭ ސަބަބެއް ނެތް"

މި މަހުގެ 13 ވަނަ ދުވަހު ނަޝީދު ހައި ކޮމިޝަނަށް ވަޑައިގަންނަވަނީ: މިއަދު އެތަނުން ވަނީ ނުކުމެވަޑައިގެންފައި. ފޮޓޯ/ ޖޭޑް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު، ކޯޓަށް ޙާޒިރުވެ ވަޑައިގަތުމުގެ އަމުރު ކޯޓުން ނެރެފައި ވަނީ، ކޯޓުން ކަނޑައަޅާފައިވާ ވަގުތަށް ރައީސް ނަޝީދު ޙާޒިރުވެ ވަޑައިގެންފައި ނުވާތީ ކަމަށާއި، ކޯޓުން ނެރުނު އަމުރުގެ ވަގުތު މިހާރު ފާއިތުވެފައިވުމާ އެކު، އިންޑިޔާގެ ހައި ކޮމިޝަނުގައި ހުންނަވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ރޭ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ބަޔާނުގައި ކޯޓުން ނެރުނު އަމުރަކީ، ސަރުކާރާ އެއްވެސް ޙައިސިއްޔަތަކުން ގުޅުމެއް އޮތް އަމުރެއް ނޫން ކަމަށެވެ.

ރާއްޖޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން، ދިވެހި ރައްޔިތުންނަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވެސް ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ރޭ ނެރުއްވި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި މި އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ސިޔާސީ ހުރިހާ ޕާޓީތަކަށް ބައިވެރިވެވޭ ގޮތަށް ބޭއްވޭ އިންތިޚާބަކަށް ހެދުމަކީ، ޤައުމުގެ ހެވާއި، ލާބައަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
އަދި މި އަހަރު ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚަކީ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަސް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އިޢުލާނު ކުރައްވާފައިވުމާ އެކު، މި އިންތިޚާބަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގަ އާއި، ބައިނަލްއަޤްވާމީ އޮބްޒަވަރުން ފޮނުވައި ދިނުމުގައި އެހީތެރިވެ ދިނުމަށް ރަޙްމަތްތެރި ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ދަޢުވަތު ފޮނުއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސަރުކާރުން ޤާނޫނުތަކަށާއި، އަދި މިނިވަން މުއައްސަސާތަކަށް ފުރިހަމަ އަށް އިޙްތިރާމް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައިވެ އެވެ. މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ޝަރުޢީ ނިޒާމަށާއި، ފުލުހުންނަށާއި، އަދި މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކުގެ ތެރެއަށް ނުފޫޒު ފޯރުއްވާފައި ނުވާނެކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވާފައިވެ އެވެ.

ރައީސްގެ ބަޔާނުގައި އެ މަނިކުފާނުގެ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވެފައިވާ ސިޔާސީ 8 ޕާޓީގެ ތާއީދާއި، އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އެއްބާރުލުމާ އެކު ރާއްޖޭގައި ޞުލްޙަ މަސަލަސްކަން ދަމަހައްޓައި، ހަމަޖެހުން ޤާއިމްކޮށް އަދި ގިނަ ޕާޓީތައް ވާދަކުރާ މިނިވަން، އިންސާފުވެރި އިންތިޚާބަކާ ހަމައަށް ދެވޭނެކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އަދި ސިޔާސީ ކުރިމަތިލުންތަކަށް މަގުފަހިވާ ގޮތަށް ކަންތައް ނުކުރުމަށާއި، ހަމަނުޖެހުން އުފެދޭ ގޮތަށް ޢަމަލުތައް ނުބެހެއްޓުމަށް، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް މިބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާފައިވެ އެވެ.

ކުރީގެ ރައީސް ނަޝީދު، ކޯޓަށް ޙާޒިރުވެ ވަޑައިގަތުމުގެ އަމުރު ކޯޓުން ނެރެފައި ވަނީ، ކޯޓުން ކަނޑައަޅާފައިވާ ވަގުތަށް ރައީސް ނަޝީދު ޙާޒިރުވެ ވަޑައިގެންފައި ނުވާތީ ކަމަށާއި، ކޯޓުން ނެރުނު އަމުރުގެ ވަގުތު މިހާރު ފާއިތުވެފައިވުމާ އެކު، އިންޑިޔާގެ ހައިކޮމިޝަނުގައި ހުންނަވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ރައީސް ބަޔާނުގައި ވިދާޅު ވެފައިވެ އެވެ. އަދި ކޯޓުން ނެރުނު އަމުރަކީ، ސަރުކާރާ އެއްވެސް ޙައިސިއްޔަތަކުން ގުޅުމެއް އޮތް އަމުރެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.