Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކައުންސިލަރު ޔަސްރިފްގެ ކާރު އެކްސިޑެންޓްވެއްޖެ

ހިތަދޫގައި މިރޭ ހިނގި އެކްސިޑެންޓް. ފޮޓޯ: ސޯޝަލް މީޑީޔާ (އިއްސޭ ސައީދް)

އައްޑޫ ސިޓީ ހިތަދޫ، ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގި އިރު ސައިކަލްގައި ތިބި 2 ޒުވާނުންނަށް ވެސް ވަނީ އަނިޔާވެފައެވެ. އެމީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ގެންދަނީ ފަރުވާދެމުންނެވެ.

ހިތަދޫ ހޮސްޕިޓަލުގެ ޑިރެކްޓަރ ޝާހު ސައީދު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި މިރޭ ހިނގި އެކްސިޑެންޓްގައި ޒަޚަމްވި 2 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެމީހުންނަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައި ނުވާކަމަށެވެ.

ޝާހް ވިދާޅުވި ގޮތުގައި އެކްސިޑެންޓްގައި ޒަޚަމްވެގެން ފަރުވާ ދެމުން ދަނީ 21 އަހަރުގެ ފިރިހެނަކަށާއި 19 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އެކްސިޑެންޓް ސީންގައި ހުރި ފަރާތަކުން 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑު މަގުން ދުއްވާފައި ދިޔަ ކާރު ގޯޅި އަޅަން އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުން ކާރުގައި ޖެހިގެންނެވެ.

ސައިކަލުން ޖެހުމުގެ ސަބަބުން ކާރުގެ ސްކްރީން ވެސް ވަނީ ތަޅައިގެން ގޮސްފައެވެ. 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ކާރު ދުއްވަން އިނީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފްގެ އަނބިކަނބަލުންނެވެ. އެކްސިޑެންޓްގައި ކާރުގައި ތިބި މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.