Last Updated: June 11, 22:21
Thursday, June 11, 2026
ސިޔާސީ

ނަޝީދަށް ބައިވެރި ނުވެވޭ އިންތިހާބެއް ރާއްޖެއަކު ނުބޭއްވޭނެ: މުސްތަފާ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ބައިވެރިވެވަޑައި ނުގެންނެވޭ އިންތިހާބެއް ރާއްޖޭގައި މިއަހަރު ނުބޭއްވޭނެ ކަމަށާއި އެ ފުރުސަތު އެމްޑީީޕީން ނުދޭނެ ކަމަށް އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު އަދި ނަޝީދުގެ ރަނިންމޭޓްގެ ގޮތުގައި ނުކުންނަވާނެ ކަމަށް އަޑު ފެތުރިފައިވާ ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން މާލޭ މަގުމަތީގައި "ރައީސް ނަޝީދު ހިމާޔަތުގައި ދިވެހިން" ގެ ނަމުގައި ބޭއްވި ހަރަކާތުގެ ތެރޭގައި ރާއްޖެ ޓީވީ އާ ވާހަކަ ދައްކަވަމުން އައްޑު އަށް ނިސްބަތްވާ ޑރ. މުސްތަފާ ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބްގަައި ނަޝީދަށް ވާދަ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެ ގޮތް ފަހި ކުރުމަށް މިހާރުގެ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކަން ކާމިޔާބް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުސްތަފާ ވިދާޅުވީ ނަޝީދަށް މިނިވަންކަމާ އެކު އުޅެވޭނެ ގޮތެއް ނެތި، އިންޑިިއަން ހައި ކޮމިޝަންގެ ތެރޭގައި ހުންނަވާހާ ދުވަހަކު އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓާ ނުލާނެ ކަމަށެވެ. އަދި މިއީ އެތައް ރައްޔިތުންގެ އަޑު ކަމަށާއި ސަރުކާރުން އެ ރައްޔިތުންގެ އަޑު އަހަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިތަށް އަރާ ވެރިކަމަށް އަރާފައި އެތިބަ މީހުންނަަަށް ކިހިނެތްވެފައި ބާއޭ އެ ތިބެނީ. މިއޮތް ހުރިހާ ރައްޔިތުން ނިކުމެ އުފުލާ އަޑު އެ މީހުންނަށް ނީވެނީ ބާއޭ އަޅުގަނޑުމެން ހިތަށް އަރާ،" ޑރ. މުސްތަފާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަ މި ގޮތުގައި ދެމި ތިބޭނަން. ނަޝީދަށް އިންސާފު ނުލިބޭހާ ހިނދަކު އަޅުގަނޑުމެން ގެއަކަށް ނުވަންނާނަން. އަދި މިކަން ކާމިޔާބުކޮށް އިންތިހާބުގައި ވާދަކޮށް ފުރަތަމަ ބުރުން އަަަޅުގަނޑުމެން އިންތިހާބް ކާމިޔާބު ވެސް ކުރާނަން."