Last Updated: June 25, 17:51
Thursday, June 25, 2026
ސިޔާސީ

ފޯންގެ ޕާސްވޯޑް ރިޔާޒް "ހަނދާނެއް ނެތް"

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ކުރީގެ ކަމިޝަރު އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ފޯނު "އަންލޮކް" ކުރުވުމަށް ރޭ ފުލުހަށް ހާޒިރު ކުރުމުން ރިޔާޒު އާއްމުކޮށް ޖައްސަވާ ޕާސްވޯޑް ޖައްސަވައިގެން ވެސް ފޯނު ހުޅުވޭ ގޮތެއް ނުވި އެވެ.

މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ މާވެޔޮމަގުން ރިޔާޒު ހައްޔަރުކޮށް އޭނާ ފުލުހަށް ހާޒިރުކޮށް ދޫކޮށްލާފައިވަނީ ފޯނު އަތުލުމަށްފަހުއެވެ.

ފޯނު ހުޅުވޭތޯ 3 ގަނޑިއެއްހާ މަސައްކަތް ކުރެއްވުމަށްފަހު ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ރިޔާޒު ވިދާޅުވީ އެމަނިކުފާންގެ ފޯނަކީ އާއްމުކޮށް ހުޅުވާފައިވާ ފޯނެއް ކަމަށާއި، ހުޅުވަނީ ފިންގާޕްރިންޓުން ކަމަށެވެ. ނަމަވެސް ރޭ ފުލުހަށް ގެންދިޔަ އިރު ފޯނު ނިވިފައި އޮތުމުން ފޯނު ހުޅުވަން ލޮކް ކޯޑު ޖަހަން ޖެހުމުން އާއްމުކޮށް އެމަނިކުފާން ޖައްސަވާ 3 ޕާސްވޯޑުންވެސް ފޯނު ނުހުޅުވުނު ކަމަށެވެ.

ރިޔާޒު ވިދާޅުވީ 28 ވަނަ ދުވަހު ކޯޓުން ނެރުނު އަމުރުގައި ފޯނު ހުޅުވައިދިނުމަށް ނެތްކަމަށާއި، ނަމަވެސް ފަހުން ފުލުހުން ކޯޓުގައި ފޯނުހުޅުވުމަށް އަމުރަކަށް އެދިފައިވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ފުލުހުން އަތުލާފައިވާ އެމަނިކުފާނުގެ ފޯންގެ ލޮކްކޯޑް ނުދިން މައްސަލައާއި ގުޅިގެން،، އަދި އެއީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުންކަމަށް ތުހުމަތުކުރާކަަމަށެވެ.

ރިޔާޒު ވިދާޅުވީ ފުލުހުން މިކަން ރަނގަޅަށް ކުރައްވާނެކަމަށް ގަބޫލް ކުރައްވާ ކަމަށާއި އެއްވެސް ހާލެއްގައި ނުކުރާ ކަމެއްގެ ތެރެއަށް ފައްތައިގެން ހުކުމެއް ގެނައުމަށް އެއްވެސް ފުލުހަކު މަސައްކަތް ކުރައްވާނެކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.

ފުލުހުންގެ މުވައްސަސާ ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަބްދުﷲ ރިޔާޒު ދާދި ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބައެއްވެރިންގެ ނުފޫޒާއި ހެދި ފުލުހުންގެ ވާޖިބް އަދާކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާކަމަށެވެ.