Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"ޔާމީން ޖެހިލުންވާ ލިސްޓްގައި ހިމެނުމަކީ އުފަލެއް"

ރައީސް އަބްދުﷲ ޔާމީން ޖެހިލުންވާ ބޭފުޅުންގެ ލިސްޓްގައި އޭނާގެ ނަންވެސް ހިމެނުމަކީ ލިބޭ އުފަލެއް ކަމުގައި ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ދައުރު އަދާ ކުރުމަށް ދަތިކުރާ ކަމަށް ބުނެ ރޭ އަބުދުﷲ ރިޔާޒު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

ފުލުސް އޮފީހުގައި 3 ގަޑިއިރާއި 30 މިނެޓް ހޭދަކުރެއްވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުކުރީ ފުލުހުން އަތުލާފައިވާ އެމަނިކުފާނުގެ ފޯންގެ ލޮކްކޯޑް ނުދިން މައްސަލައާއި ގުޅިގެން ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ފޯންގެ ލޮކް ކޯޑް ނުދިނުން އެއީ އެއީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުންކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށެވެ.

މުއައްސަސާތަކަށް، ހާޒިރުކޮށްގެން ބިރުދެއްކި ނަމަވެސް އިސްލާހަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާނެ ކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޖެހިލުންވާ މީހުންގެ ލިސްޓުގައި އެބޭފުޅާގެ ނަން އޮތުމަކީ ވެސް ކާމިޔާބެއް ކަމަށެވެ.

"ވަރަށް ބޮޑު ކާމިޔާބެއް ދެންތޯ ޔާމީން ޖެހިލުންވާ ބޭފުޅުންގެ ލިސްޓްގަައި އަޅުގަނޑުގެ ނަންވެސް އޮތުމަކީ." -އަބްދުﷲ ރިޔާޒް-

މީގެ ކުރިން ޕޮލިސް ކޮމިޝަނަރ ކަން ވެސް ކުރައްވާފައިވާ ރިޔާޒް ވިދާޅުވި ގޮތުގައި އޭނާ ފުލުހަށް ހާޒިރުކުރާ ކޮންމެ ދުވަހަކު ވެސްފުލުހުންގެ މުއައްސަސާއިން އެ މުއައްސަސާގެ ޤާނޫނާއި، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރުމަށް ދަންނަވާ ކަމަށެވެ.