ސްޕެނިޝް ލަލީގާގައި ބާސެލޯނާ އަދި ގްރެނާޑާ ބައްދަލުކުރި މެޗު 1-4 އިން ބާސާ ކާމިޔާބުކޮށްފިއެވެ.
ބާސާގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޖަހާފައިވަނީ ސުއަރޭޒްއެވެ. ޖޯޑީ އަލްބާ ސުއަރޭޒަށް ފޮނުވާލި ރީތި ބޯޅައެއް އޭނާ ވަނީ އެހާމެ ރީއްޗަށް ގޯލަށް ވައްދާލާފައެވެ.
ގްރެނާޑާ އިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މާގިނަ އިރުތަކެއް ނުވެ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ބޯގާ ވަނީ ދުރު ޕޯސްޓުން އޭނާއަށް ލިބުނު ފުރުސަތު ޓާ ސްޓާގަން ބަލިކޮށް ގޯލުގެ އަރިމަތީ ދަގަނޑުގައި ޖައްސާ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
ބާސާއިން މެޗުގެ ލީޑު ނަގާފައިވަނީ ރަފީނިއާގެ ބަދަލުގައި ކުޅެން ނިކުތް ޕަކާ އަލްކަސާރުގެ ގޯލަކުންނެވެ. މެޗުގެ ލީޑު ފުޅާކޮށްފައިވަނީ 83 ވަނަ މިނެޓު ރަކިޓިޗް ޖެހި ގޯލަކުންނެވެ.
މެޗުގެ ފަހު ގޯލު އިތުރު ވަގުތުގެ ތެރޭގައި ޖަހާފައިވަނީ ނޭމާއެވެ. ރޭގެ މެޗު މެސީއާއި ނުލާ ބާސާއިން ކުޅެފައިވާއިރު މެސީ ވަނީ ކާޑު ހަމަވެގެން އެއް މެޗުގެ ސަސްޕެންޝަނެއްގައެވެ.