Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

މަހުލޫފްގެ އިނާޔަތްތައް ނުކެނޑޭނެ: އެޕީލް ބޯޑް

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ އިނާޔަތްތައް ކަރެކްޝަނަލް ސާވިސްއަށް ނުކެނޑޭނެ ކަމަށް އެޕީލް ބޯޑުން ކަނޑައަޅައިފިއެވެ.

ގައުމީ ސަލާމަތަށް ނުރައްކާތެރިވެދާނެ އޯޑިއޯއެއް ލީކު ކުރި ކަމަށް ބުނެ މަހްލޫފްގެ ފޯނު ކޯލު ކުރުމާއި އެކަހެރި ބައްދަލުވުން އަދި އާއިލީ ބައްދަލުވުންތައް ކަރެކްޝަނަލް ސާވިސް އިން ވަނީ މިދިޔަ ބުދަ ދުވަހު އެއް މަސް ދުވަހަށް ކަނޑާލާފައެވެ.

އިނާޔަތްތައް ކެނޑުމުން އެމައްސަލަ އެޕީލް ބޯޑަށް ހުށައެޅުމުން ބޯޑުން ވަނީ މައްސަލަ ބަލައި، މަހްލޫފް ގައުމީ ސަލާމަތަށް ނުރައްކާތެރި ވާހަކައެއް ދައްކާފައިނުވާ ކަމަށް ކަނޑައަޅައި ކަނޑާފައިވާ އިނާޔަތްތައް އަނބުރާ ދިނުމަށް ނިންމާފައެވެ.

ގާނޫނީ ވަކީލާއި ބައްދަލުނުކުރެވޭތާ ދެމަހަށްވުރެ ގިނަ ދުވަސް ވެފައިވާކަން މަހްލޫފްގެ އާއިލާއިން ވަނީ ފާހަގަކޮށް އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދެފަހަރެއްގެ މަތިން ސިއްހީ ހާލަތު ދަށްވެ، މަހްލޫފް ވަނީ ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހޯދާފައެވެ. ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ވަނީ ދެ ދައުވާ އެއް ކުރެވި ދެ ދައުވާވެސް ސާބިތުވެފައެވެ. 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މަހްލޫފް ވަނީ 6 މަސް ދުވަސް ޖަލުގައި ހޭދަކުރައްވާފައެވެ.