ށ. ނަރުދޫ އިންޖީނުގޭގައި ހުރި އިންޖީނެއްގައި އަލިފާން ރޯވެ މުޅި ރަށުން ކަރަންޓް ކެނޑިއްޖެ އެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން ނަރުދޫ ކައުންސިލްގެ ރައީސް އަބަދުﷲ ޝަފީޤް ވިދާޅުވި ގޮތުގައި މިއަދު 12:00 އެހާކަށް ހާއިރު އެރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
"އަޑުފައްގަނޑެއް އިވިގެން ގޮސް ބަލާލިއިރު މުޅި އިންޖީނުގެ ތެރޭގައި އެއްކޮށް ރޯވެފައި ވަނީ. އިންޖީނުގޭގައި ބޭނުންކުރާ 3 ޖަނެރޭޓަރުގެ ތެރެއިން 2 ޖަނެރޭޓަރު ވަނީ އެއްކޮށް އަނދާފައި. ބެކަޕް ޖަނެރޭޓަރަށް ގެއްލުން ލިބިފައިވާ ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ." ޝަފީގް ވިދާޅުވިއެވެ.
ޝަފީޤް ވިދާޅުވި ގޮތުގައި، އިންޖީނުގޭގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި ޑިސްޓްރިބިއުޝަން ފޮށިތައް ވެސް އެއްކޮށް އަނދާފައިވާއިރު އެރަށު އިންޖީނުގޭގެ މުވައްޒަފުން މިހާރު ގެންދަވަނީ ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުންނެވެ.
އާބާދީގައި ގާތްގަނޑަކަށް ހަތް ސަތޭކަ އެއްހާ މީހުން ދިރިއުޅޭ ނަރުދޫގެ އިންޖީނުގެ ހިންގަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.