Last Updated: July 27, 18:03
Monday, July 27, 2026
ރިޕޯޓް

ސަރުކާރުގެ ސިޔާސަތު: ކުލި ދައްކަން މާލެ އާދޭ!

މަރަދޫ ބަނދަރު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން. ވަޒީފާގެ ފުރުސަތުތައް ނެތުމަކީ އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ. ފޮޓޯ: އަޒީމް

މިއީ ރާއްޖޭގެ އަތޮޅުތެރެއަށް ނިސްބަތްވާ ރައްޔިތުން ހިތާއި ރުހުމުން ޤަބޫލުކުރާނެ ވާހަކައެކެވެ.

އެހެން ނަމަވެސް ސަރުކާާރުގެ "ހިތް ހެޔޮކަމުން" އަދި ބައެއް ބޭފުޅުން 'ގޯނިތަކުގައި' ގެނެސްދޭ ހަދިޔާތަކުގެ މަންފާހޯދައި ކުލި ދައްކަން ނުޖެހޭ ފިނި ކޮޓަރިތަކާއި މަޑު ދާންތަކުގައި ނިދިކުރައްވައި އާދައިގެ ރޯގާއަކަށްވެސް އާސިޔާނުގެ ޤައުމުތަކުގެ ޑޮކްޓަރުންގެ ފަރުވާލިބޭ މަތީ ފަންތީގެ ޢިއްޒަތްތެރިންނަށް މިވާހަކަ ފަހުމުވާން ދަތިވެދާނެއެވެ.

ސަރުކާރަށް ސަނާ ކިޔަމުން ގެންދާ ކޯޑިނޭޓަރުންނާއި މަޖިލިސް މެންބަރުން ދައްކަވަނީ ސަރުކާރުގެ ތަރައްޤީގެ ވާހަކަ އަޑުއަހާފައި ރައްޔިތުން އާޝޯޚުވާ ވާހަކައެވެ. ސަރުކާރުން މުޅި ރާއްޖެ ތަރައްޤީކުރަމުންދާ ވާހަކަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބައްދަލުވުމެއްގައި. ސިޓީ ކައުންސިލްތަކުގެ ބާރުތައް ވަނީ ހަނިކޮށްފައި.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އަޑުއަހަން ކިތަންމެ އުނދަގޫ ވިޔަސް ސަރުކާރުގެ އޮތީ އެންމެ ސިޔާސަތެކެވެ. އެއީ ގްރޭޓަރ މާލެ ތޮއްޖެއްސުމުގެ ސިޔާސަތެވެ. އެ ސިޔާސަތަށްޓަކައި ޤާނޫނުއަސާސީ އިން އެކަށެއެޅި ލާމަރުކަޒީ ނިޒާމްވެސް ފުނޑާލީއެވެ. ފަހަރަކު ބާރެއް އަތުލަމުންގޮސް ކައުންސިލްތަކަކީ މިހާރު ޤަބުރުސްތާނުތަކަށް ހަދައިފިއެވެ.

ސަރުކާރުން ރާއްޖޭގެ އެތައް ރަށެއްގައި ފުޓްސެލް ދަނޑު އަޅައިފިއެވެ. އެއީ ބޭނުންތެރިކަމަކަށް ވެދާނެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯ ބޭސްފިހާރައެއް ހުޅުވިއްޖެއެވެ. އެއީ ކާމިޔާބީއެކެވެ. ތަރައްޤީއެކެވެ. އެހެނަސް އެއިން ބޭސްފިހާރައަކުން ގަންނާނެ ބޭހެއް ނުލިބުމަކީ ތަރައްޤީ ހެއްޔެވެ؟

ސަަރުކާރުން ބާރު ސްޕީޑްގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވާއިރު މާލެ އަށް ރައްޔިތުން ހިޖުރަކުރުމާއި އެކި ބޭނުންތަކަށް ދެއިރު ދެދަޅައަށް އަންނަންޖެހުން ހުއްޓޭފަދަ އެއްވެސް ކަމެއް އަތޮޅު ތެރޭގެ ރަށްރަށުގައި ކުރޭތޯ ސުވާލުކުރައްވާށެވެ.

ރަށުގައި ފުޓްސެލް ދަނޑެއް އެޅުމުން ޒުވާނުންނަށް ވަޒީފާ ލިބޭ ހެއްޔެވެ؟ ޑޮކްޓަރަކު ނެތި ރަށުގައި ހުޅުވާ ބޭސްފިހާރައަކުން ސިއްޙީ ޚިދުމަތް ފުރިހަމަވީ ހެއްޔެވެ؟ ރަށުގެ މަގެއްގައި ތާރު އެޅުމުން އެރަށް ތަރައްޤީ ކުރެވުނީ ހެއްޔެވެ؟

މާލެ ފިޔަވައި ރަށަކަށް ކަމެއް ކޮށްދޭންވެއްޖެނަމަ ބަޖެޓް ލިބޭކަމަކަށް ނުވެއެވެ. އެހެންވިޔަސް ދެއިރު ދެދަޅަޔަށް މާލޭގައި ބޭނުން މަޝްރޫޢެއް ހިންގެއެވެ. މާލޭގެ ހުޅަނގު ފަރާތު މޫދަށް 40 އަށްވުރެ ގިނަ މިލިއަން ރުފިޔާ އަޅައިގެން ނަޖިސް ހޮޅިއެއްކައިރީގައި އާޓިފިޝަލް ބީޗެއް ހަދަން ބަޖެޓް ހުހެއްނުވެއެވެ. ނުވިތާކަށް މާލެ ކައިރި ފަޅެއް ހިއްކައިގެން ޕިކްނިކް އައިލޭންޑެއް ހަދަން ވެސް ސަރުކާރުން މިވަނީ ނިންމާފައެވެ.

އަތޮޅު ތެރެއަށް ނަޒަރު ހިންގާލާއިރު، ކޮންކްރީޓް މަސައްކަތް ނިމުނުތާ އެތައް އަހަރުތަކެއްވީ ސްކޫލްތަކުގެ މަސައްކަތްތައް ނިންމައިދޭނެ ފައިސާއެއް ބަޖެޓު "ތާށިކަމުން" ލިބޭކަށް ނޯވެއެވެ. ނަރުދަމާ އަޅައިދޭން ބުނެ ކުރި ވަޢުދުތައް ވެސް ނުފުއްދިގެން އުޅެނީ ބަޖެޓް ހަމަ "ތާށިކަމުން"ނެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުކަމަށް ވާ އައްޑޫގެ ވާހަކައެވެ. އައްޑޫ ވެގެންދާނީ އީއީޒެޑްގެ ދެކުނުގެ މައި ދޮރާށިކަމަށް ރައީސް ޔާމީން އެންމެ "ލޯބިވި" ކުރީގެ ނައިބު ރައީސް އަދީބު ވެސް ވިދާޅުވިއެވެ. އައްޑޫގައި އައިޓީ ޕާކެއް ތަރައްޤީކުރާނެ ވާހަކަ ވިދާޅުވީ ޚުދު ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ވެރިކަމަށް 3 އަހަރުވެގެން ދިޔައިރުވެސް އެ އައިޓީ ޕާކުގެ ވާހަކަ އެއް ނުދައްކަވައެވެ.

އިސްމެހެލާ ހެރަ. އިސްމެހެލާ ހެރަ ޕްރޮޖެކްޓް އިފްތިތާހް ކުރިތާ 2 އަހަރު ވާއިރުވެސް ކޮންޓްރެކްޓަރަކާއި ހަވާލު ނުކުރެވޭ.

ދެން އޮތީ ބިން ހިއްކައިގެންވެސް އައްޑޫގެ ޓުއަރިސްޓް އެނދުތަކުގެ ޢަދަދު 5000 އަށް މަތިކުރާނެ ކަމަށް ބުނެ ވެވަޑައިގެންނެވި ވަޢުދެވެ. އެ ވައުދު ފުރިހަމަ ނުކުރެވި ވެރިކަމަށް 4 އަހަރު ފުރެން ކައިރިވެފައި ވަނިކޮށް އިވިގެންދިޔައީ ހައިރާންކުރުވަނިވި ހަބަރެކެވެ. ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ދާދިފަހުން ސަރުކާރުން އައްޑޫގައި ފަތުރުވެރިކަމުގެ 3000 އެނދު ޤާއިމްކުރާނެ ކަމަށެވެ.

އިސްމެހެލާ ހެރަ އެއްބަސްވުމުގައި ހަފްތާއެއްގެ ތެރޭގައި ސޮއި ކުރާނެ ކަމަށް ބުނިފަހުން އެތައް ދުވަހެއް ވެއްޖެއެވެ. އައްޑޫގައި އަޅަން ބުނި އިސްލާމީ މަރުކަޒަށް ވީގޮތް ނޭނގި އެ މަރުކަޒު ގެއްލިގެން ހޯދަނިކޮށް އެ ޢިޢުލާންކުރީ ހުޅުމާލޭގައި ބިޔަ ބޮޑު މިސްކިތުގެ މަޝްރޫއެވެ.

އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ހުވަފެން ދައްކާތާ 15 ވަރަކަށް އަހަރަށް ފަހު އެންމެ ފަހުން ނިންމާފައި މިވަނީ، ސާކް ސަމިޓަށް ބިނާކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށެވެ. އެހެން ނަމަވެސް އެމަސައްކަތް ކުރިއަށްދާ ކަމެއް ނުވަތަ ނޫންކަމެއް ވެސް ސާފެއް ނުވެއެވެ.

ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށީގައި ހަދަން ބުނި ޓްރާންސްޝިޕްމެންޓް ބަނދަރަށް ވީގޮތެއް އަދި އަދަށް ދާންދެންވެސް ނޭނގެއެވެ. އެއާޕޯޓެއް ޤާއިމްކުރާ ވާހަކަ ދެއްކިކަމަށް ވެސް މިހާރު ސަރުކާރުގެ އިސްވެރިން ނަހަދައެވެ.

ރާއްޖޭގެ ރަށްތައް ފަޅުކޮށް މާލޭ ސަރަޙައްދު ތޮއްޖެއްސުމުގެ ސިޔާސަތު ސަރުކާރުގެ އޮތްކަން ބުނަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރަށްތަކުން މީހުން މާލެއަށް ހިޖުރަކޮށް ކުލީގެ އަޅުވެތިކަމުގައި އުމުރު ފަނާކޮށްލަން މަޖުބޫރުކުރުވާ ސަބަބުތައް ނައްތާލުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާތީއެވެ. އަދި ހަމަ އެހެންމެ އެ ސަބަބުތައް ދަމަހައްޓަން އެހީތެރިވެދޭތީއެވެ.

އައްޑޫ އިން އެންމެ ގިނަ މީހުން މާލެ އަންނަނީ ސިއްޙީ ޚިދުމަތް ހޯދުމަށާއި ވަޒީފާއަށެވެ. އެކަން ހައްލުކުރުމަށް ބޭނުންވާ ނަމަ ސަރުކާރުން އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އައްޑޫގައި އަޅަން ބުނި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމް ނުކުރެވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

އައްޑޫ އިން ނަރުސް ކޯސް ހެދެއެވެ. ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިވެފައެވެ. އެހެނަސް ޑިގްރީ ނުވަތަ ނަރުސް ކޯސް ނިންމާފައި ވެސް ވަޒީފާ ހޯދަން ގްރޭޓާރ މާލެއަށް އަންނަން މަޖުބޫރުކުރުވަނީ ސަރުކާރުގެ ސިޔާސަތެވެ. އެ ސިޔާސަތު ބަދަލުކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރުމަކީ، އަތޮޅުތެރޭގެ ރަށްތައް ފަޅުކޮށް މާލޭ ސަރަޙައްދު ތޮއްޖެއްސުމުގެ ސިޔާސަތު ކުރިއެރުވުން ނޫން ކޮންކަމެއް ހެއްޔެވެ؟

އަތޮޅުތެރޭގެ ރަށްރަށުގެ މީހުން ކުރަންވީ ކަމަކީ 'ކުލިދައްކަން' މާލެއައުމެވެ. އެނޫންގޮތެއް ނެތެވެ. ސަރުކާރުގެ ސިޔާސަތުތަކުން އެނޫން މަންޒަރެއް ފެންނާކަށްނެތެވެ.