އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ބޭނުންކޮށްފައި ހުރި ބާ ގޮނޑިތަކެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް ގެނެސްފި އެވެ.
"އައްޑޫލައިވް" އަށް އިތުބާރު ހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި މި ގޮނޑިތައް ހިތަދޫ ހޮސްޕިޓަލަށް ގެނެސްފައި ވަނީ އެ ހޮސްޕިޓަލުގައި ބޭނުން ކުރުމަށެވެ.
އައިޖީއެމްއެޗްގައި ބޭނުން ކުރި ބާ ގޮނޑިތަކެއް ހިތަދޫ ހޮސްޕިޓަލަށް ފޮނުވާފައިވާ އިރު، 2011 ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑޫގައި ބިނާ ކުރި އީސީސީގައި ހުރި ގޮނޑިތައް ވަނީ މާލެ ގެންގޮސްފަ އެވެ.
އައިޖީއެމްއެޗްގައި ބޭނުން ކުރި ގޮނޑިތަކެއް އައްޑު އަށް ފޮނުވީ ހޮސްޕިޓަލުން އެދިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ބާ ގޮނޑިތަކެއް ހޮސްޕިޓަލަށް ފޮނުވުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އެ މީހުން ބުނާ ގޮތުގައި މިއީ ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ކުރި މަލާމާތެކެވެ.