Last Updated: July 27, 18:03
Monday, July 27, 2026
ރިޕޯޓް

ކުނިކޮށި ގަދައަށް އަނދާ އިރު، ޒިންމާވާނެ ބަޔަކު ނެތް!

ކުނިކޮށި އާއި ދިމާލުން ލިންކްރޯޑްގައި ޕިކަޕެއް ދުއްވާފައި ދަނީ. ކުނިކޮށިން އަރާދުމުގެ ސަބަބުން އެ މަގުން ދަތުރުކުރާ ފަރާތްތަކަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައި.

އައްޑޫ ސިޓީ، ހިތަދޫ ރުއްޖެހެރަ ސަރަހައްދުގައި ހުންނަ ކުނި ކޮށިން އަރާ ދުމުގެ ސަބަބުން ގިނަ ބަޔަކަށް އޭގެ އުނދަގޫތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ރުއްޖެހެރަ ސަރަހައްދުގައި ހުންނަ ކުނި ކޮށީގައި ރޭގެ ވަގުތެއްގައި ވަނީ އަލިފާން ރޯވެ ވަރަށް ބޮޑަށް އަދާފައިވާއިރު މިހާރު ކުނިކޮށިން ބޯކޮށް ދުން އަރަމުންނެވެ. އޭގެ ސަބަބުން ލިންކް ރޯޑުން ދަތުރުކުރާ ފަރާތްތަކަށް ވެސް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

މިފަހަކަށް އައިސް ކުނިކޮށީގައި ދޭތެރެއަކުން ރޯވުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން ރޭ ވެސް ކުނިކޮށީގައި ރޯވެ ވަރަށް ބޮޑަށް އަލިފާން ރޯވެފައިވެއެވެ. އެހެން ނަމަވެސް އަލިފާން ނިއްވުމުގެ މަސައްކަތް އެއްވެސް ފަރާތަކުން ކޮށްފައެއް ނުވެއެވެ.

ދާދި ފަހަކާއި ޖެހެންދެން ރުއްޖެހެރައިގައި ހުންނަ ކުނިކޮށި ބަލަހައްޓަމުން އައިސްފައި ވަނީ، މޯލްޑިވްސް ރޯޑް ޑިވޮލަޕްމެންޓް ކޯޕަރޭޝަން އެމްއާރްޑީސީގެ ފަރާތުންނެވެ.

'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއާރްޑީސީގެ މީޑީޔާ އޮފިޝަލް ވިދާޅުވި ގޮތުގައި އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުނިކޮށި ވަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

އެޕްރީލް 1 ވަނަ ދުވަހުން ފެށިގެން ރުއްޖެހެރައިގައި ހުންނަ ކުނިކޮށި ވެމްކޯގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން އެތަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ވެމްކޯގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި ކުނިކޮށި މިހާރު ހުރީ ވެމްކޯގެ ބެލުމުގެ ދަށުގައި ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް އެކުންފުނީގެ މެނޭޖްމަންޓުން އެމްއެންޑީއެފްގައި އެދިފައިވޭތޯ ނުވަތަ ނޫންތޯ ޖެހޭނީ ސާފުކޮށްލަން ކަމަށެވެ.

އެޕްރީލް 1 އިން ފެށިގެން ވެމްކޯއިން ވަނީ ކުނިކޮށްޓާއި ރަސްމީކޮށް ހަވާލުވެފައެވެ. ވެމްކޯގެ މީޑިޔާ އޮފިޝަލް ބުނިގޮތުގައި ކުނި ކޮށީގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް އެކުންފުނީގެ މެނޭޖްމެންޓުން އެމްއެންޑީއެފްގައި އެދިފައިވޭތޯ ނުވަތަ ނޫންތޯ ޖެހޭނީ ސާފުކޮށްލަން ކަމަށެވެ. އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި ކުނިކޮށީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް ވެމްކޯ އިން އަދި އެއްވެސް ފަރާތަކުން ރިކުއެސްޓެއް ލިބިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އަލިފާން ނިއްވުމަށް ފަޔަރ އެންޑް ރެސްކިއު ހަރަކާތެރި ނުވާ ސަބަބު ޖެހޭނީ އޮޅުން ފިލުވަން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެއްވެސް ފަރާތަކުން ކުރަމުން ނުގެންދާތީ އެކަމާއި ބެހޭގޮތުން ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑީޔާ އޮފިޝަލް ވިދާޅުވި ގޮތުގައި ކުނިކޮށީގައި އަލިފާން ރޯވެގެން ނިއްވާލަން އެއްވެސް ފަރާތަކުން މިހާތަނަށް ރަސްމީކޮށް އެދިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަދި އަލިފާން ނިއްވުމަށް ސަދަން އޭރިއާގެ ފަޔަރ އެންޑް ރެސްކިއު ސާވިސް ހަރަކާތްތެރިވަމުން ނުދަނީ ކީއްވެގެންތޯ ސުވާލުކުރުމުން އޮފިޝާލް ވިދާޅުވީ އެކަން ޖެހޭނީ އޮޅުން ފިލުވާލަން ކަމަށެވެ.

ސިއްހަތަށް ގެއްލުންތަކެއް ކުރިމަތިވާނެ، ސަމާލުވޭ!

ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަތުރުކުރަމުންދާ މަގަކަށް ކުނިކޮށިން އަރާ ވިހަ ދުމުގެ އަސަރު ކުރުމަކީ، އޭގެ ސަބަބުން ސިއްހަތަށް ގެއްލުން ހުރި ކަމެކެެވެ.

ކުނިކޮށިން އަރާ ވިހަ ދުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާބެހޭ ގޮތުން އައްޑޫ ޕަބްލިކް ހެލްތް ޔުނިޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކުނިކޮށީގައި އަންދާ ދުމުން ކާބަންޑައި އޮކްސައިޑާއި ކާބަން މޮނޮކްސައިޑް އަރާނެއެވެ.

އަދި އެއީ ވިހަ ގޭސްތަކެއް ކަމުން ނޭވާލާ ނިޒާމުގެ މައްސަލަތަށް ދިމާވެ ފުއްޕާމެއަށް ގެއްލުން ވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނޭވާ ހިއްލާ ކުދިންނަށް އެކަމުގެ ނުރައްކާތެރިކަން ބޮޑު ވާނެ ކަމަށާއި މަގުން ދަތުރުކުރާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުކަން ދެއްވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އޮފިޝަލް ފާހަގަކުރެއްވިއެވެ.

"