ގައުމަށްޓަކައި ކަރަޕްޝަނާއި ބޭއިންސާފާއި ދެކޮޅަށް އަޑު އުފުލާ ދިވެހި ދަރިންނަށް މުޅި ގައުމު ޝުކުރުވެރިވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިހާބީ ރައީސް އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކަރަޕްޝަނާއި ބޭއިންސާފު އާއްމުވެފައިވާކަމަށް އެތައް ބަޔަކު ސޯޝަލް މީޑިއާ އާއި އެހެނިހެން ގޮތް ގޮތަށް ބުނަމުން ދަނިކޮށް ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށްޓަކައި ކަރަޕްޝަނާއި ބޭއިންސާފާއި ދެކޮޅަށް އަޑުއުފުލާ ދަރިންނަށް ގައުމު ޝުކުރުވެރިވާނެކަމަށެވެ. އަދި އެންމެ ފުރަތަމަ އިސް ކުރަންޖެހެނީ ގައުމު ކަމަށް ރައީސްގެ ޓްވީޓްގައިވެއެވެ.
Qawmah takai corruption aa bey insaafaa dhekolhah adu ufulaa dhivehi dharinnah mulhi qawmu shukuruveri vaane. Emme furathama qawmu!
— Maumoon Abdul Gayoom (@maumoonagayoom) April 3, 2017
މިދުވަސްކޮޅަކީ ސަރުކާރާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި މައުލޫމާތު ފަތުރާ ފަރާތްތައް ތަހްގީގަށް ބަންދުކުރަމުން އަންނަ ދުވަސްކޮޅެކެވެ.
މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބް ޝަހީމް ފުލުހުންގެ ބަންދުގައި ބަހައްޓާފައިވަނީ އޭނާ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ޓްވީޓް ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އަދި އިދިކޮޅު އެކްޓިވިސްޓެއްކަމަށްވާ އިބްރާހިމް ހަނީފްވެސް ވަނީ ސަރުކާރާއި، ރައީސުލް ޖުމްހުރިއްޔާ އާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު މައުލޫމާތު ފަތުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
ރައީސް މައުމޫން މިފަދައިން ޓްވީޓް ކުރައްވާފައިވާ އިރު އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި މި ސަރުކާރުގައި ކަރަޕްޝަނާއި ބޭއިންސާފުން ކަންކަން ކުރަމުން އަންނަކަމަށް ތުހުމަތު ކޮށްފައެވެ.
ނަމަވެސް އެހުރިހާ ތުހުމަތެއް ސަރުކާރާއި ޝަރުއީ ދާއިރާއިން ވަނީ ދޮގުކޮށްފައެވެ.