Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ކައުންސިލަރުގެ ކާރުގައި ޖެހުނު މީހާ ފަރުވާއަށް މާލެ އަށް

ހިތަދޫގައި މިރޭ ހިނގި އެކްސިޑެންޓް. ފޮޓޯ: ސޯޝަލް މީޑީޔާ (އިއްސޭ ސައީދް)

ރޭ ހިތަދޫ ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް މިރޭ މާލެ ފުރުވައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޝާހް ސައީދު ވިދާޅުވީ އެކްސިޑެންޓްގައި ސީރިއަސް އަނިޔާވި 22 އަހަރުގެ ޒުވާނާ މާލެ ފޮނުވާލީ އޭނާގެ ދަތްދޮޅީގައި ރެނދުލާފައި ހުރުމާއި ގުޅިގެން ހޮސްޕިޓަލުން އިތުރު ފަރުވާ ދެވެން ނެތުމުންކަމަށެވެ.

ޝާހު ވިދާޅުވީ ބަލި މީހާ މާލެ ފޮނުވާލާފައިވަނީ ހޮސްޕިޓަލްގެ ޑެންޓިސްޓް އާއި އެކު ކަމަށެވެ. މިހާދިސާގައި އަނިޔާވި ދެވަނަ ޒުވާނާ ރޭ ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ހިތަދޫ ބޮޑުމަގުގައި ހުންނަ "ހަސޯ ޓެއިލާސް" ކައިރިން ހިނގި މިއެކްސިޑެންޓް ހިނގާފައިވަނީ ކާރު ގޯޅި އަޅަން އުޅުމުގެ ތެރޭގައި ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްވި ކާރަކީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފްގެ ކާރެކެވެ.