Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

"ނާޖާއިޒް ފައިދާ ހޯދަން ފުލުހުންގެ ބޭނުން ކުރާ އިރު ސަމާލުވާން ޖެހޭ"

އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ ޙިސާން ޙުސައިން.

ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އަމިއްލަ ނާޖައިޒް ފާއިދުތަކެއްގެ ހާސިލް ކުރުމަށްޓަކާއި ފުލުހުންގެ ބޭނުން ކުރަމުންދާ ކަމަށާއި އެކަމަށް ފުލުހުން ސަމާލުވުމަށް އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ ހިސާން ހުސައިން ގޮވާލައްވައިފިއެވެ.

ޙިސާން މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މ.ކުނޫޒްގައި މިރޭ ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޕާޓީތައް ގުޅިގެން ރައްޔިތުންގެ ހައްގުގާ ނިންމެވި ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމެއް ކަން ފާހަގަކުރައްވައި ޙިސާން ވިދާޅުވި ގޮތުގައި ޕާޓީތަކުން ކުރާ މަސައްކަތަކީ ދިވެހި ގައުމުގެ ދިފާއުގައި ހުރިހާ ޕާޓީތައް ގުޅިގެން ފެށި މަސައްކަތެކެވެ.

ހިސާން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިހާރު ފެންނަމުން ދަނީ، މަޖިލީސް މެންބަރުން އެބޭފުޅުންގެ އަމިއްލަ ޖީބަށް މަސައްކަތް ކުރަމުންދާ ހިތާމަވެރި މަންޒަރެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތް ކުރަނީ، ރައްޔިތުންނަށްޓަކާއި ނުވަތަ ގައުމަށްޓަކާ އެއްނޫން. މިހާރުގެ މަޖިލީހުގެ ރައީސް މަސައްކަތް ކުރަނީ ރައީސް ޔާމީނަށްޓަކައި." – ޙިސާން ޙުސައިން-

ސަރުކާރަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޙިސާން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ފެނިގެންދަނީ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ރައީސް ޔާމީންގެ ކެބިނެޓް މެންބަރުންވެސް ޖަވާބުދާރީ ނުކުރެވޭނެ ގޮތްތަކަށް މަސައްކަތް ކުރައްވަމުންނެވެ.

ސަރުކާރު ހިންގަމުން ގެންދަނީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފަށް ކަމަށާއި އެހެންކަމުން މިފަދަ ސަރުކާރަކާ ދައްކަންޖެހޭނެ ވާހަކައެއް އޮންނާނެތޯ ވެސް ހިސާން ވަނީ ސުވާލުކުރައްވާފަ އެވެ.