ސަރުކާރުން ކިތަންމެ ވަރެއް ދެއްކި ނަމަވެސް ބަންދުގައި ތިބި މީހުން ދޫކުރަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
މ.ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވަނީ ސަރުކާރުން ޑިމޮކްރަސީ ހިމާޔަތް ކުރާ ކަމަށް ވިދާޅުވާ އިރު އެވާހަކަ ޤަބޫލުކުރާނީ ކޮންބައެއްތޯ ސުވާލު އުފައްދަވާފައެވެ.
އަލީ ޒާހިރު އިޝާރާތް ކުރައްވާފައި ވަނީ، އިދިކޮޅު ފަރާތްތަކަށް ދައްކަވާ ވާހަކަތަކަށް ރައްދު ދިނުމަށް ފަހު ސަރުކާރުގެ ފަރާތުން އިނގިރޭސި ބަހުން ނެރެފައިވާ ނޫސް ބަޔާނަށެވެ.
" ކިތަންމެ ވަރެއް ދެއްކިޔަސް ބަންދުން މީހުން ދޫކުރަން ޖެހޭނީ.. ސަރުކާރުން ޑިމޮކްރަސީ ހިމާޔަތް ކުރަނީއޭ ވާހަކަދެއްކިޔަސް ކާކުތޯ އެކަން ގަބޫލު ކުރާނީ.. ތިޔަބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅެއް ބޭނުންފުޅުވޭތޯ މާފިޔާ ގޭންގް އަކާ ވެރިކަން ހަވާލު ކުރުމަށް." އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވި ގޮތުގައި ފެންނަމުން ދަނީ ސިޔާސީ ނުފޫޒް ފުލުހުންގެ ތެރެއަށް ވަންނަމުންދާ މަންޒަރު ކަމަށެވެ.
ފުލުހުންގެ އަގު ވައްޓާލީވެސް މި ރައީސް ކަމަށް ވިދާޅުވެ އަލީ ޒާހިރު ވަނީ އެއްވެސް ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަށް ފުލުހުންނަށް ގޮވާލާފައެވެ.