ސޯޝަލް މީޑިއާ ނެޓްވޯކެއް ކަމަށްވާ ބަޒްނެޓް އިން އާންމުންނަށް ހުޅުވާލައިގެން ބޭއްވި އޮންލައިން ވޯޓަކުން، ދުނިޔޭގެ ދެވަނަ އަށް އެންމެ ރީތި އަންހެން މީހާގެ މަޤާމު ބައިނަލްއަޤްވާމީ އައިކޮން އެއް ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ އަށް ލިބިއްޖެ އެވެ.
ދެވަނަ އެންމެ ގިނައިން ވޯޓް ލިބިފައި ވަނީ ޕްރިޔަންކާ އަށް ވީއިރު، އެ ލިސްޓުގެ އެއް ވަނަ އަދި ދުނިޔޭގެ އެންމެ ރީތި އަންހެން މީހާގެ ލަޤަބު ލިބިފައި ވަނީ ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ބިޔޯންސޭ އަށެވެ.
ޕްރިޔަންކާ އަށް ދެވަނަ ލިބިފައި ވަނީ މަޝްހޫރު އެހެނިހެން ތަރިންތައް ބަލިކޮށްލުމަށް ފަހު އެވެ.
ޕްރިޔަންކާ، 34، ވަނީ އޭނާއަށް ވޯޓް ދިން ކަމަށްޓަކައި ވޯޓް ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށް، ބިޔޯންސޭ އަކީ އޭނާ ދެކޭ ގޮތުގައި ވެސް އެއްވަނަ ކަމަށް ބުނެ ޓްވިޓާ ގައި ޕޯސްޓް ކޮށްފައެވެ.

ޕްރިޔަންކާގެ ފަހަތުން އެލިސްޓުގެ ތިންވަނަ އަށް ގޮސްފައި ވަނީ ވިކްޓޯރިއާސް ސީކްރެޓް ގެ މޮޑެލް ޓޭލާ ހިލްއެވެ. ހަތަރު ވަނަ އަށް އެމާ ވޮޓްސަން ގޮސްފައި ވާއިރު، ފަސް ވަނަ އަށް ދިޔައީ ޑަކޯޓާ ޖޯންސަން އެވެ.
ހުޅަނގުގައި ޕްރިޔަންކާ މަސައްކަތް ކުރަން ފެށި ފަހުން އޭނާ އަށް ވަނީ ޕީޕަލްސް ޗޮއިސް އެވޯޑްސް އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ދެ ފަހަރު ލިބިފަ އެވެ.
އޭނާގެ ހޮލީވުޑް ޑެބިއު ފިލްމް ކަމަށްވާ "ބޭވޮޗް" ސިނެމާތަކުގައި އެޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.