Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ބެރިކޭޑެއްގައި ސައިކަލަކުން ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

ރުއްޖެހެރަ ސަރަހައްދުގައި ހުރި ކުނިކޮށި ސަރަހައްދުގައި ޖަހާފައި ހުރި ބެރިކޭޑެއްގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

ރޭ ދަންވަރު 1:40 އެހާކަށް ހާއިރު ހިނގި މި އެކްސިޑެންޓްގައި ޒަޚަމްވެފައި ވަނީ 23 އަހަރުގެ އަންހެނަކާއި 55 އަހަރުގެ ފިރިހެނެކެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ 'މޯލްޑިވިއަން' ގައި މަސައްކަތް ކުރާ އަންހެން މީހާ ޑިއުޓީ ނިންމާފައި އެނބުރި ހިތަދޫއަށް ދިޔަ މަގުމަތީގައެވެ. އެކްސިޑެންޓް ހިނގިއިރު ސައިކަލް ދުއްވަން އިނީ އަންހެން މީހާގެ ބައްޕައެވެ.

އެކްސިޑެންޓްގައި ޒަޚަމްވި ދެމީހުންގެ ވެސް ގައިގެ އެކިތަންތަނުން މަށައިގެން ގޮސްފައިވާއިރު ބޮޑަށް އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާއަށެވެ.

ހިތަދޫ ހޮސްޕިޓަލުގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވި ގޮތުގައި އެކްސިޑެންޓްގައި ޒަޚަމްވި ފިރިހެން މީހާގެ ހާލު ސްޓޭބަލް ކަމަށާއި އެހެން ނަމަވެސް ސިކުނޑީގެ ސީޓީ ސްކޭނެއް ހެދުމަށް މާލެ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

ރުއްޖެހެރަ ސަރަހައްދުގައި ހުންނަ ކުނިކޮށިން އަރާ ދުމުގެ ސަބަބުން ލިންކްރޯޑުން ދަތުރުކުރާ މީހުންނަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ފުލުހުން އެހިސާބުގައި ބެރިކޭޑް ޖަހާފައި ވަނީ ވެސް ކުނިކޮށިން އަރަމުން ގެންދާ ދުން ބޯވުމުގެ ސަބަބުން މަގުން ދަތުރު ކުރާއިރު މަގު ނުފެންނާތީ އެހިސާބުން ބާރު ސްޕީޑްގައި ދުއްވާފައި ނުދެވޭނެ ގޮތް ހެދުމަށެވެ.

އެހެން ނަމަވެސް އެ ބްރިކޭޑްތައް ހުންނަނީ ރޭގަނޑުގެ ވަގުތު ލިންކްރޯޑުން ދަތުރު ކުރާ މީހުންނަށް ފާހަގަވާ ގޮތަކަށް ނޫނެވެ.