Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ތެޔޮ ބާޖަކާއި ދޯންޏެއް އެކްސިޑެންޓްވެއްޖެ

އެކްސިޑެންޓުވި "ބަންދާ" ދޯނި ދިޔަވެފައި: ފޮޓޯ-އެމްއެންޑީއެފް

އެސްޓީއޯގެ ތެޔޮ ބާޖަކާއި ކޮންޓެއިނާ އުފުލާ ދޯންޏަކާއި ޖެހި އެކްސިޑެންޓެއް ހިނގައި ދޯނި ދިޔަވެ އެމްއެންޑީއެފްއިން ފުން ކުރުމުގައި އެހީތެރިވާން ފަށައިފިއެވެ.

ރޭ ދަންވަރު 12:16 އެހާކަށްހާއިރު ހިނގި މިއެކްސިޑެންޓުގައި ކޮންޓެއިނާ އުފުލާ ދޯނި "ބަންދާ" ވަނީ ވަރަށް ބޮޑަށް ހަލާކުވެ ދިޔަވާން ފަށައިފަ އެވެ.

އެހެން ނަމަވެސް ދޯނީގައި ތިބި ދެ ދިވެހީންނާއި ތިން ބިދޭސީ ފަޅުވެރިން ވަނީ ތެޔޮ ބާޖަށް ނަގައި ސަލާމަތްކޮށްފަ އެވެ.

ގދ. ގައްދޫ ހުޅަނގު ދެކުނުން ފަސް ނޯޓިކަލް ބޭރުން ދަތުރު ކުރި އެސްޓީއޯ ތެޔޮ ބާޖަކީ އައްޑޫން ފުރައިގެން ދިޔަ ބޯޓެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެކްސިޑެންޓްވި ދޯނީގެ ވެރި ފަރާތާއި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ޑައިވަރުން ގުޅިގެން ދަނީ ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.