ހުޅުމީދޫގައި ހުންނަ އަތޮޅު މަދުރަސާ އަކީ އެހާ މަޝްހޫރު ސްކޫލެއްް ނޫނެވެ. ފާއިތުވި އަހަރުތަކުގައި ތައުލީމީ މާ ބޮޑު ކާމިޔާބީއެއް މި ސްކޫލުން ހޯދާފައި ނުވެ އެވެ.
ނަމަވެސް މި ސްކޫލުން ތައުލީމު ހާސިލް ކުރި ބައެއް ދަރިވަރުން އެހެން ސްކޫލްތަކަށް ބަދަލަުވެ ވަނީ ރާއްޖޭގެ މަތީ ވަނަ ތައް ހާސިލް ކޮށްފައެވެ.
ފާއިތުވި އަހަރުތަކުގައި އަތޮޅު މަދުރަސާގެ ކިޔެވުން ވަނީ ވަރަށް ދަށްކޮށެވެ. ހާއްސަކޮށް އެސްކޫލުގެ ކުދިންގެ އަހްލާޤީ މައްސަލަތައް ވަނީ ހައްލު ނުކުރެވޭ ވަރަށް ބޮއްސުންލާފަ އެވެ. ސްކޫލް އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
ނަމަވެސް މިއަދު މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. ރާއްޖޭގެ އެހެން ސްކޫލްތަކާއި މިސްކޫލުން ވާދަކުރަން ފަށައިފިއެވެ. ތައުލީމީގޮތުންނާއި، ދަރިވަރުންގެ އަހްލާގީ ގޮތުން ސްކޫލްގެ ނަން ވިދަން ފަށައިފިއެވެ. ފާއިތުވި އަހަރު މުޅި ރާއްޖޭގައި ބޭއްވި އޯލެވެލް އިމްތިހާނުން އެކަން ސްކޫލް ދަރިވަރުން ސާބިތު ކޮށްދީފިއެވެ.
އަތޮޅު މަދަރަސާގެ ކާމިޔާބީ އާއި ގުޅޭ ގޮތުން ސްކޫލް ޕްރިންސިޕަލް އާމިނަތު ޒިނިޔާ ގިނަ މައުލޫމާތުތަކެއް ވަނީ "އައްޑޫ ލައިވް" އާއި ހިއްސާކޮށްފަ އެވެ.
ޒީނިޔާ ވިދާޅުވާ ގޮތުން ސްކޫލް މި ހޯދި ކާމިޔާބަކީ ޓީޗަރުންނާއި ދަރިވަރުން ގުޅިގެން ކުރި ބުރަ ބުރަ މަސައްކަތުގެ ނަތީޖާ އެވެ.
"އަޅުގަނޑު ބުނާނީ މި ސްކޫލް ހޯދި ކާމިޔާބީ އަކީ ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ،" ޒީނިޔާ ވިދާޅުވި އެވެ.
އަތޮޅު މަދަރަސާގެ ފެންވަރު ދަށްވާން ފެށީ ފާއިތުވި އަހަރުތަކުގައި އެސްކޫލް އެކަށީގެންވާ މެނޭޖްމަންޓަކުން ނުހިންގުނީތީ އެވެ. އެކަމާއި އެރަށު އެންމެން ވެސް އެއްބަސްވެ އެވެ. ސްކޫލްގެ ވެރިން އަބަދު ބަދަލުވެ ސްކޫލް ހިންގުން "ސްޓެބްލް" ނުވުމުގެ ނަތީޖާއަކަށް ވީ ސްކޫލްގެ ދަރިވަރުންގެ މެދުގައި ބޮޑެތި އަހުލާޤީ މައްސަލަތައް ކުރިމަތިވެ ސްކޫލްގެ ތައުލީމަށް ބުރޫ އެރުމެވެ.
އެކަން ސްކޫލްގެ ފާއިތުވި އަހަރުތަކުގެ ނަތީޖާއިން އެހެރީ ފެންނާށެވެ. މީގެ ތިން އަހަރު ކުރިން އަތޮޅު މަދުރަސާގެ ހިންގުމާ ޒީނިޔާ ހަވާލުވެ އެންމެ ފުރަތަމަ އިސް ކަމެއް ދިނީ ކުދިންގެ އަހްލާގު ރަނގަޅު ކުރުމަށެވެ. ނަމަވެސް އެކަންވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އޭރު ދުވާލެއްގެ މައްޗަށް 10-15 ދެމެދުގެ އަދަދަކަށް އަހްލާގީ މައްސަލަތައް ސްކޫލް އޮފީހަށް ހުށަހެޅެއެވެ.
ނަމަވެސް ޓީޗަރުންނާއި ބެލެނިވެރިން އަދި ސްކޫލް މެނޭޖްމަންޓު ގުޅިގެން ކުރެވުނު މަސައްކަތުން އެކަން ވަނީ ސުމެކަށް ތިރިކޮށްފަ އެވެ.
އަތޮޅު މަދުރަސާގެ ތައުލީމަށް ބުރޫއެރި އަނެއް ސަބަބަކީ މޮޅު ކުދިން ސްކޫލް ދޫކޮށް އެހެން ސްކޫލްތަކަށް ބަދަލުވުމެވެ. ގްރޭޑް 8 އިން ފެށިގެން އޯލެވެލް އާއި ހަމައަށް ކިޔަވާ ސްކޫލްގައި ކުރިން މުޅިންވެސް ތިބެނީ ފެއިލްވެފައި އެހެން ސްކޫލްތަކުން ޖާގަ ނުލިބި ތިބި ކުދިންނެވެ. އެހެންވެ ރަނގަޅު ނަތީޖާ ނެރުމަކީވެސް ބޮޑު ޗެލެންޖެކެވެ.
ޒީނިޔާ ވިދާޅުވީ މިހާރު ސްކޫލްގައި ކުދިން މަޑުކުރަން ފަށައިފިކަމަށެވެ. އެހެންވެ ކުރިމަގުގައި ސްކޫލް ހޯދާ ނަތީޖާ ބޮޑުތަން ކުރިއަށް ގެންދެވޭނެކަމަށެވެ،
އަތޮޅު މަދަރަސާގެ ފާއިތުވި އަހަރުތަކުގެ ނަތީޖާތަަކަށް ބަލާލާއިރު ފާއިތުވި އަހަރުވަނީ 5 މާއްދާއިން ފާސްވި މިންވަރު 42 އިން ސައްތަ ކުރިއެރުމެއް ހޯދާފައެވެ. 2008 ވަނަ އަހަރު 5 މާއްދާއިން ފާސްވިދަރިވަރުންގެ އިން ސައްތަ އަކީ 14 ޕަސެންޓެވެ. 2008 ވަނަ އަހަރު "ޔޫ" ގްރޭޑް ލިބުނު ކުދިންގެ އިންސައްތައަކީ 27 ޕަސެންޓެވެ. ނަމަވެސް 2012 ވަނަ އަހަރު ވަނީ އެ އަދަދު 3 ޕަސެންޓަށް ދަށް ކުރެވިފަ އެވެ.
ދެހާސް ނުވަ ވަނަ އަހަރާއި ހަމައަށް ސްކޫލުގެ ވަކިވަކި މާއްދާތަކުގެ ނަތީޖާ ހުރީ ވަރަށް ދަށުގަ އެވެ. އެގޮތުން ކުރިން ތިން މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް އުޅެނީ %50 ގަ އެވެ. ނަމަވެސް މިހާރު ގިނަ މާއްދާތަކުގެ ފާސްވި އިންސައްތަ ހުރީ %60 އިން މަތީގަ އެވެ. އަދި 2013 ވަނަ އަހަރުގެ ނަތީޖާ 2012 ވަނަ އަހަރަށްވުރެ މާބޮޑުތަންވެސް ރަނގަޅުވާނެ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ނަތީޖާ ހޯދި ދަރިވަރުންނަކީ ސްކޫލްގައި ތިބި ވަރަށް ފެންވަރު ދަށް ކުދިންތަކަކަށް ކިޔަވައި ދީގެން ނެރެވުނު ކާމިޔާބީއެއް ކަމުން އެކަމާ ސްކޫލުން ވަރަށް ބޮޑަށް ތިބީ ހިތްހަަމަޖެހިފަ އެެވެ.
"މިދިޔަ އަހަރު ސްކޫލަށް ރީތި ނަން ހޯދައިދިން ބެޗަކީ އަސްލު ސްކޫލުގައި އޮތް ވަރަށް ފެންވަރު ދަށް ބެޗެއް. ނަމަވެސް ހުރިހާ އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތުން އިރާދަކުރެއްވިއްޔާ މި ނަތީޖާ މި ލިބުނީ. އަސްލު ސްކޫލްގައި ތިބި މޮޅު ކުދިން އެކި ސްކޫލްތަކަށް ބަދަލުވީމަ ރަށުގައި އޮތީ ވަރަށް ދަށް ކުދިން ކޮޅެއް." ޒީނިޔާ ވިދާޅުވި އެވެ.
ޒިނިއާ ވިދަޅުވީ މޮޅު ކުދިން ރަށުގައި މަޑު ކުރަން ފެށީ 2010 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އަދި އެއާ އެކު ކުރިއަށް ހުރި ނަތީޖާ ރަނގަޅު ވާނެ ކަމަށް ޒީނިޔާ ފާހަގަކުރެއްވި އެވެ.
އެއް ދަންފަޅިއަށް ކިޔަވައި ދެމުން އަންނަ މި ސްކޫލްގައި މިވަގުތު 160 ދަރިވަރުން ތައުލީމު ހާސިލް ކުރަމުން އެބަ ގެންދެ އެވެ. އެހެން ސްކޫލްތަކާއި އެއްވަރެއްގައި ފައިިތިލަ ހަމަ ކުރަން ބަލާއިރު އަދިވެސް ގިނަ ގޮންޖެހުންތައް ހުރި ކަމަށް ސްކޫލުން ފާހަގަ ކުރެ އެެވެ.
އެގޮތުން ކްލާސް ރޫމްތަކަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމް ކުރަން ޖެހެ އެވެ. ސްކޫލް ލައިބްރަރީ ވެސް ތަރައްގީ ކުރަން ޖެހެއެވެ. އަދި ސްކޫލް ކޮމްޕިއުޓަރު ލެބް ވެސް އަޕްގްރޭޑް ކުރަން ޖެހެ އެވެ.
އަނެއް ކޮޅުން ޓީޗަރުން ތިބޭ ސްޓާފް ރޫމްގެ ހޫނު ކަމާއި ހެދި އެތަނުގައި އުޅެވޭ ވަރެއް ނުވެ އެވެ. ޓީޗަރުން ބުނާ ގޮތުން އެތަނުގެ ޓެމްޕަރެޗަ ހުންނަނީ 40 ޑިގްރީއަށް ވުރެ މަތީގައެވެ. އެހެންވެ އެތަން ވީއެންމެ އަވަހަކަށް އޭސީކު ރެވޭނެ ގޮތެއް ސްކޫލުން އަންނަނީ ބަލަމުންނެވެ.
އެކަން ޖުމްހޫރީ ރިޔާސީ ކެންޑިޑޭޓް ހުކުރު ދުވަހު ހުޅުމީދޫ އަށް ކުރެއްްވި ދަތުރުގައި ވަނީ ފަހިކޮށް ދެއްވައިފަ އެވެ. އެގޮތުން ސްޓާފް ރޫމް ސީލިންކޮށް އޭސީކޮށް ދިނުމަށް ގާސިމް ވަނީ ނިންމާފަ އެވެ. އަދި އެތަނަށް ބޭނުންވާ ގިނަ އަދަދެެއްގެ ކޮމްޕިއުޓަރު ސިސްޓަމާއި ގޮނޑި އާއި ޕްރޮޖެކްޓަރާއި ސްކްރީންތައް ވަރަށް އަވަހަށް ހޯއްދަަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެ ސްްކޫލްގެ ލައިބްރަރީ މުއްސަނދި ކުރުމަށް ވެސް ގާސިމްގެ ދީލަތި އެހީތަކެއް ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފަ އެވެ.
އެހެންވެ މި ހުރިހާ ކަމަކާ އެކު ސ. އަތޮޅު މަދުރަސާ އުންމީދީ ރަނގަޅު މިސްރާބަކަށް ދާނެ ކަމާ ދޭތެރޭ އެތަނުން މިހާރު ހޯދަމުން އަންނަ ކާމިޔާބީތަކުން ސާބިތުވެ އެވެ.