Last Updated: July 3, 06:26
Friday, July 3, 2026
ކުޅިވަރު

އެއްލައްކަ ރުފިޔާގެ ފުޓްބޯޅަ މުބާރާތެއް އައްޑޫގައި ބާއްވަނީ!

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ "ގްލޯބަލް ލިންކް" އިން އިންތިޒާމްކޮށްގެން "ގްލޯބަލް ލިންކް ޗެލެންޖް 2013" ގެ ނަމުގައި އެއްލައްކަ ރުފިޔާގެ ފުޓްބޯޅަ މުބާރާތެއް އަންނަ މާޗް 15 ވަނަ ދުވަހު އައްޑޫގައި ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތާއި ގުޅޭ ގޮތުން ގްލޯބަލް ލިންކްސް އިން ބުނެފައި ވަނީ މި މުބާރާތަކީ އައްޑޫގެ ކްލަބް/ޖަމިއްޔާ ޖަމާއަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ 10 ޓީމަށެވެ. އަދި ހާއްސަ ޓީމެއްގެ ގޮތުން ފުވައްމުލަކު ޓީމަކަށް ވަނީ ދައުވަތު އެރުވިފަ އެވެ. .

މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 2 މާޗް 2013 ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފޯމް މިހާރު ހިތަދޫ ގްލޯބަލް ލިންކްސް ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް ވަނީ 25،000ރ. އަގެއް ހުށަހަޅާފަ އެވެ.

މި މުބާރާތަކީ ގްލޯބަލް ލިންކްސް އިން ބޭއްވާ މުބާރަތަކަށް ވިޔަސް އިޝްތިހާރު ކުރަން ބޭނުންވާ ފަރާތަކަށް އެ ފުރުސަތު ހުޅުވިފައިވާ ކަމަށް އިންތިޒާމް ކޮމެޓީން ބުންޏެވެ.