ސަރުކާރަށް ތާއިދު ކުރައްވާ ބައެއް މަޖްލިސް މެމްބަރުން ސަރުކާރު ހިންގާ ކޯލީޝަނާއި ވަކިވެ އިދިކޮޅު ފަރާތްތަކާއި ގުޅުމަކީ ލިބޭ ދެރައެއް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިން ގެނެސްދޭ "ނިއުސް ޓޯކް"ގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ އެފަދަ މެމްބަރުން ސަރުކާރާއި ވަކިވެގެންދަނީ ލިބޭ ކުޑަކުޑަ ފައިދާއަކަށް ވިސްނައިގެން ކަމަށާއި ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަން އޮތީ ބަދަހި ކޮށް ކަަމަށެވެ.
ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގައުމު އިސްލާހް ކުރުމަށް މަސައްކަތް ނުކުރައްވާކަމަށާއި އެފަރާތްތަކުން މަސައްކަތް ކުރައްވަނީ މަގުމަތި ހަލަބޮލި ކޮށްލުމަށް ކަމަށެވެ.
އިދިކޮޅު ފަރާތްތަކާއި ގުޅިގެން ތަރައްޤީއެއް ނުގެނެވޭނެކަމަށާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ސަރުކާރުން ވަކިވީ ވިލިނގިލި އަށް ކޮން ތަރައްޤީއެއް ނުގެނެވިގެންތޯ ޝައިނީ ސުވާލު ކުރެއްވިއެވެ.
"އަމިއްލަ އެދުމުގައި މި ބޭނުންވަނީ ވެރިކަން. އެއް ބޭފުޅަކު ބޭނުންވަނީ ދަރިއަކަށް ވެރިކަން ހޯދައިދޭން، އަނެއް ބޭފުޅަކު ބޭނުންވަނީ ދުނިޔެ ދޫކުރުމުގެ ކުރިން ތަޙްތު ދެކިލާފައި ދާން، އަނެއް ބޭފުޅަކު ބޭނުންވަނީ އެއް ފަހަރު އެކަން ނުވީމަ އަނެއްކާ އެކަން ކޮށްލާފައި ދާން. އެކަން ބޭނުންވާ ބޭފުޅުން މިއުޅެނީ އެއްވެގެން ވެރިކަން ވައްޓާލަން. މިއިން އެއްވެސް ބޭފުޅަކަށް ވޯޓު ދީގެން (ރައްޔިތުން) މިއަދު ނުހޮވާނެ."
ޝައިނީ ވަނީ ރައީސް މައުމޫންއަށް ވަރަަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޝައިނީ ވިދާޅުވީ އިދިކޮޅު މެމްބަރުންގެ ތެރެއިންވެސް ބައެއް މެމްބަރުން ޕީޕީއެމް އާއި ގުޅެން ތިބީ ތައްޔާރަށް ކަމަށެވެ.
ޝައިނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި އިރު އިދިކޮޅު ފަރާތްތަކަށް ތާއިދުކުރައްވާ ގިނަ މެމްބަރުން އަދިވެސް ސަރުކާރު ހިންގާ ކޯލިޝަން ތެރޭ ތިބިކަމަށް އިދިކޮޅުފަރާތް ތަކުން ވަނީ ބުނެފައެވެ.