ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.
ގާސިމްގެ ޕާސް ހިފަހައްޓާފައި މިވަނީ މަޖްލިސް މެމްބަރުންތަކަށް ރިޝްވަތު ދެއްވަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށް އެމައްސަލަ ފުލުހުން ބަލަމުން ދަނިކޮށެވެ.
ގާސިމް ފުރުން މަނާކޮށްފައިވާ އިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވާފައިވާ ކަމުގެ އަޑު ވަނީ ފެތުރިފައެވެ. ނަމަވެސް އެވާހަކަތައް ޕީޖީން ދޮގު ކުރެއެވެ.
މަޖިލިސް މެމްބަރުންނަށް ގާސިމް ރިޝްވަތު ދެއްވި ކަމަށް ތުހުމަތު ކުރަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ގާސިމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާ މެމްބަރުން ދެ ވަނަ ދައުރަކަށް މަޖިލީހަށް ހޮވައި ދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށާއި އެ މެމްބަރުންނަށް "ހުރިހާ ގޮތަކުން ވެސް" އެހީތެރިވެ ދެއްވާނެ ކަމަށެވެ.