Last Updated: June 30, 10:48
Tuesday, June 30, 2026
ޚަބަރު

ސޫދާންގެ ފަތުވާ ދިނުމާ ބެހޭ ދާއިރާގެ ރައީސް ރާއްޖެ އަށް

ސޫދާންގެ އާންމު ފަތުވާ ދިނުމާ ބެހޭ ދާއިރާގެ ރައީސް ކަމަށްވާ ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމް ރާއްޖެ ވަޑައިގެންފިއެވެ.

މީގެ އިތުރުން ސޫދާންގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ކަމާއި ސޫދާންގެ މުޖުތަމަޢު ހާތަމުލް މުރުސަލީން މިސްކިތުގެ އިމާމު ކަމާއި ޚަތީބުކަންވެސް ކުރައްވަމުން ގެންދަވާ ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމް ރާއްޖެ އަށް ވަޑައިގެންފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެބޭފުޅާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމް ރާއްޖެ ވަޑައިގެން އުޅުއްވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށާއި ދައުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ދިނުމާއި ދީނީ ފަތުވާތައް ދިނުމުގެ މަޤްސަދުގަ އެވެ.

އެބޭފުޅާ އިއްޔެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ އަރިހަށް ޒިޔާރަތް ކުރައްވާފައި ވާއިރު، އެބޭފުޅާގެ ދަތުރުފުޅުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލު ކުރައްވަން ވެސް ހަމަޖެހިފައި ވެއެވެ.

އެބޭފުޅާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ސޫދާން އަށް ދިއުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.