Last Updated: June 30, 10:48
Tuesday, June 30, 2026
ޚަބަރު

ސިފައިންގެ ފަސް ބޭފުޅަކަށް މަގާމުގެ ކުރިއެރުން ދީފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސީނިއާ ތިން އޮފިސަރަކަށް ބްރިގޭޑިއާ ޖެނެރަލްގެ މަޤާމު ދީފިއެވެ.

އިއްޔެ ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޤާމު ދީފައި ވަނީ އަބްދުއްރަހީމް އަބްދުއްލަތީފާއި ވައިސް ވަހީދު އަދި ހާމިދު ޝަފީޤަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ ތިން އޮފިސަރުން މީގެ ކުރިން ތިއްބެވީ ކާނަލްގެ ރޭންކުގަ އެވެ.

އެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ހަވާލުކޮށް ދެއްވީ ސިފައިންގެ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި އިތުރު ދެ އޮފިސަރަކަށް ވަނީ ކާނަލްގެ ރޭންކް ވެސް ދީފައެވެ. އެއީ އަހުމަދު ޤިޔާސް އާއި ޑރ. އަލީ ޝާހިދު މުހައްމަދު އެވެ. އެ ދެބޭފުޅުން މިހާތަނަށް ތިއްބެވީ ލެފްޓިނަންޓް ކާނަލް ގެ މަޤާމުގަ އެވެ.

އެ ބޭފުޅުންނަށް މަޤާމުގެ ކުރިއެރުން ހަވާލުކޮށް ދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު އަދި ނޭޝަނަލް ކައުންޓާ ޓެރަރިޒަމްގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގަތެވެ.