Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

އދ ގެ ސްޕެޝަލް ރެޕެޓުއަ ރައީސްގެ އަރިހަށް

ރައީސް ޑރ. މުހައްމަދު ވަޙީދުގެ އަރިހަށް، އދގެ ސްޕެޝަލް ރެޕެޓުއަ އޮން ދަ އިންޑެޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔަރަސް ގެބްރިއެއްލާ ނައުލް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި، ރާއްޖޭގެ ޝަރުއީ ނިޒާމް އިތުރަށް ތަރައްޤީ ކުރެއްވުމަށް ކުރެއްވެން ހުރި ކަންތައްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ޝަރުއީ ނިޒާމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި، އދ ގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު، މި ދާއިރާ އިތުރަށް ތަރައްޤީ ކުރެވިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމް ވަރުގަދަކޮށް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި އދ އިން ތައްޔާރު ކުރަމުންގެންދާ ރިޕޯޓާ ބެހޭ މައުލޫމާތު، މި ބައްދަލު ކުރެއްވުމުގައި، ގެބްރިއެއްލާ ނައުލް ރައީސަށް އެރުވި އެވެ.