ޕީޕީއެމްގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރުމުން އަބުރުގެ ދައުވާ ފަލާހުގެ މައްޗަށް ކުރުމަށް ހުށައަޅައިފިއެވެ.
ރޭ ޕީޕީއެމްއަށް މެމްބަރުން ވެއްދުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވެފައިވަނީ މިނިވަން 50ގެ ހަރަކާތްތަކުގައި އުމަރު ނަސީރު ވަނީ 10-15 ދުވަހަށް ކުންފުނި އުފައްދައި ނާޖާއިޒު ފައިދާ ހޯދާފައި ކަމަށެވެ.
އުމަރު ނަސީރު ވަނީ ރޭ ދަންވަރު ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަރީފަށް ފޮނުވި ސިޓީ އެއްގައި މެމްބަރު ފަލާހު އޭނާއާ ދިމާލަށް "ވަގަށް" ގޮވާފައިވާ ކަމަށާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނާއި އެއްގޮތަށް ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާދިނުމަށް އެދިފައެވެ.
މީގެއިތުރުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ސާބިތުނުހިފޭ ދޮގު ވާހަކައެއް ކަމަށާއި އޭނާގެ އެއްވެސް ހިއްސާއެއް އޮތް އެއްވެސް ކުންފުންޏަކުން މިނިވަން 50ގެ އެއްވެސް ހަރަކާތަކަށް ބިޑްކޮށްފައިނުވާނެ ކަމަށް ބުނެފައެވެ.
އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ފަށާފައިވާއިރު އުމަރު ވަނީ ކުރިންވެސް އޭނާ އެފަދަ އަމަލެއް ހިންގާފައިނުވާނެ ކަމަށާއި ހާހެއް ނުވާ ކަމަށްވެސް ވިދާޅުވެފައެވެ.