Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ހިލޭ ޑޭޓާއާ އެކު ދިރާގުން އައިފޯން ރެޑް ތައާރަފްކޮށްފި

އެޕަލް އައިފޯންގެ އެންމެ ފަހުގެ ފޯން، އައިފޯން 7 ރެޑް އެޑިޝަން ދިރާގުން ވިއްކަން ފަށައިފިއެވެ.

ދިރާގުގެ ހުރިހާ ބްރާންޗަކުންވެސް މިހާރު އައިފޯން 7 ރެޑް އަދި 7 ޕްލަސްވެސް ލިބެން ހުންނާނެއެވެ. އަދި މިފޯން ބައްލަވައިގަންނަ ފަރާތްތަކަށް ދިރާގުން ވަނީ ހަ މަސް ދުވަހަށް ހިލޭ 5 ޖީބީގެ ޑޭޓާ ދޫކުރާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

އެޕަލް އިން އައިފޯންގެ އާ ކުލައެއް މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ތައާރަފް ކޮށްފައިވަނީ އެޕަލްގެ ޕާޓްނާޝިޕް ޖަމިއްޔާއެއް ކަމަށްވާ ރެޑްއާއި ޕާޓްނާޝިޕް ހެދިތާ 10 އަހަރު ފާހަގަ ކުރުމުގެ ގޮތުންނެވެ. ރެޑް އަކީ ދުނިޔޭގައި އެއިޑްސް ބަލި ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

އައިފޯން ރެޑް އެޑިޝަން އެޕަލް އިން ތައާރަފްކޮށްފައިވަނީ ހަމައެކަނި 128 ޖީބީ އާއި 256 ޖީބީގެ އައިފޯން އަދި އައިފޯން 7 ޕްލަސް އަށެވެ. އެޕަލް އިން ވަނީ ރެޑް ވިއްކައިގެން ލިބޭ ފައިދާގެ ބައެއް ދެކުނު އެފްރިކާ އާއި ގާނާ އާއި ރުވަންޑާ ފަދަ ގައުމުތަކުގައި ހިންގާ އެޗްއައިވީ ޕްރޮގްރާމުތަކަށް މާލީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ދި ގްލޯބަލް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައެވެ.